ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިހާރުވަނީ ތޫފާން "ބުރެވި" އަށް ބަދަލުވެފައި ކަމަށާއި މި ތޫފާނުގެ އަސަރު މިއަދު ރާއްޖެއަށް ކުރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނެފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ތޫފާން ބުރެވި ހުޅަނގަށް ދަތުރުކޮށް މިއަދު ސްރީލަންކާ ހުރަސްކޮށް އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ބެލެވެއެވެ. 

މީގެއިތުރުންވެސް، އިތުރު ކޮޅިގަނޑެއްވަނީ ރާއްޖޭގެ އިރުދެކުނުން، އިންޑިއާ ކަނޑުގައި އުފެދިފައެވެ. މީގެ ސަބަބުން މިއަދު ހަވީރު/ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރުގެ ބައެއް އަތޮޅުތަކަށާއި މެދުރާާއްޖެތެރެއަށް މިއަދު ވިއްސާރަކޮށް ގުގުރާނެއެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރުކޮށް ގުގުރާނެކަމަށް ބެލެވެއެވެ. 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީ މިދުވަސްވަރު މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ. ތޫފާނަށް އަންނަ ބަދަލުތައް އެ އޮފީހުން ބަލަމުންދާކަމަށާއި ރާއްޖޭގެ މޫސުމަށް އަންނާނެކަމަށް ބެލެވޭ ބަދަލުތައް އިންޒާރުގެ މެސެޖުގެ ތެރެއިން އާންމު ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.