ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭން އެއް ނިމުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާ އެ ޕްލޭން ނިމުމުން ރާއްޖޭގެ ސަރުކާރާއި މުޖުތަމައުގެ ހުރިހާ ހަރުފަތެއްގައި މި ޕްލޭންއާއި އެގޮތަށް ކަންކަން ތަންފީޒުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގައި ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ސަބްރާ މިހެން ވިދާޅުވީ، ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އިންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީ ގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމް އަކީ ޔޫއެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނަޑައަޅުއްވާފައި ވަނީ އީޖާދީ ގޮތެއްގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު ހިމެނޭނެހެން، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން ސަބްރާ ވަނީ، ޖެންޑަރ އީކުއަލިޓީ ޕްލޭނުގައި ހިމެނޭ ކަންތައްތައްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން 2025 ވަނަ އަހަރާ ހަމަޔަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އަންހެނުންގެ ނިސްބަތް 40 އިންސައްތަ އިތުރުކުރުމަށް ނިންމެވުމާއި ޖުޑިޝަރީގައި 25 އިންސައްތަ އިތުރުކުރުން ހިމެނެއެވެ. އަދި ޑޭކެއާ ސަރވިސްތައް އިތުރުކުރުމާއި ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ފެށުމާއި ޤައުމުގެ ޑާޓާ ސިސްޓަމުގައި ހުރި ޖިންސީ އަދި އުމުރުގެ ތަފާތުކުރުންތައް ހުރި ކަންކަން ރިވައިސްކުރުން ވެސް ހިމެނެއެވެ.

ސަބްރާ ވިދާޅުވީ އަންހެނުންގެ ބައިވެރިވުން އިތުރުވީ ވަރަކުން މުޖުތަމައުގައި ހުރި ކަންކަން ދެނެގަނެވި އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

އޭނާ ވަނީ މިހާރު މިއޮތް ކޮވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ގިނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މިދިޔަ އަަހަރު ޔޫއެން ވިމެން އިން ކުރި ދިރާސާއިން ދައްކާ ގޮތުން ޕެންޑެމިކް ހާލަތުގައި ހީވެސްނުކުރާ ވަރަށް ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އަސަރުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން ސަބްރާ ފާހަގަކުރެއްވިއެވެ.

ސަބްރާ އިތުރަށް ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ހިތްވަރުދީ އަދި މޫސުމީ ބަދަލުތައް ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޭދަކުރުމަކީ ދުރުމުސްތަގުބަލަކަށް އަމާޒުކޮށް ކުރުމަށް ރާއްޖެ ނޫނަސް ހުރިހާ ގައުމަކުންވެސް ނިންމަންވާނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ކަމަކީ ވަކި ގައުމަކަށް ދޫކޮށްލައިގެން ތިބެވޭނެކަމެއް ނޫންކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.