މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ ކޮއްކޮ އަލީ މުބީން ޑޮލަރު ގަންނަން އެސްއޯއެފް އޮފީހުގައި އިންދާ ފެނުނު ކަމަށް މަހްލޫފްގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލައިގެ ތަހުގީގުގައި އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ދިފައިވާ ބަޔާނުގައި ބުނެފިއެވެ.
ޖަޒީރާއަށް މި ބަޔާން ލިބިފައިވާއިރު މޮހޯގެ ބަޔާނުގައި ވަނީ މުބީން އެ އޮފީހަށް އައީ ކީއްކުރަންތޯ ސުވާލުކުރުމުން އޭނާ އައީ ޑޮލަރުގެ މުއާމަލާތެއް ކުރުމަށް ކަމަށް ބުނެފައިވާ ކަމަށް ތަހުގީގަށް މޮހޯ ދިން ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެ ދުވަހުގެ އިތުރުން އެހެން އެއްވެސް ދުވަހަކު މުބީން އެސްއޯއެފްގެ އޮފީހުން ފެނިފައިނުވާ ކަމަށާއި އަދި އޭނާ ޑޮލަރު ގަންނަނީ ކޮން ކަމެއް ކުރުމަށް ކަމަވެސް ބުނެފައިނުވާ ކަމަށް މޮހޯ ވަނީ ތަހުގީގަށް މައުލޫމާތު ދީފައެވެ.
ހަމައެހެންމެ މަހްލޫފަށް ދޫކޮށްފައިވާ ރިސިޕްޓްގައި ވާ ސްޓޭމްޕް އަކީވެސް އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އައްލާމް ވަނީ ތަހުގީގަށް ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް އެއީ ސީދާ އެސްއޯއެފްއިން ދީފައިވާ ރިސިޕްޓްއެއްކަން ބުނަން ނޭނގޭ ކަމަށް އޭނާ ވަނީ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައެވެ. މީގެކުރިން މި މައްސަލައާ ގުޅޭގޮތުން މަހްލޫފް ވަނީ އޭނާގެ އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމުން އެސްއޯއެފްއިން ދިން ރިސިޕްޓް ވެސް އާންމުކޮށްފައެވެ. އަދި އެ މުއާމަލާތް ކުރިޔަށް ގެންދިޔުމަށް އެސްއޯއެފްގެ އޮފީހަށް ދިޔައީ އޭނާގެ ކޮއްކޮ މުބީން ކަމަށް ވެސް މަހްލޫފް ވަނީ މީގެކުރިން ހާމަކޮށްފައެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގ ހިޔާނާތުގެ މައްސަލާގަ އެވެ. އެގޮތުން މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ. މި މައްސަލައިގައި އޭސީސީއިން މަހްލޫފްގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އަސްލު ނޫން ލިޔެކިޔުންތަކެއް އުފެއްދުމެވެ.
މި ބަޔާނާއި ގުޅޭގޮތުން "ޖަޒީރާ" އިން މަހްލޫފްއާ ސުވާލުކުރުމުން ވަނީ ޑޮލަރު ގަތުމުގެ މުއާމަލާތް ހިނގާފައިވާކަން އައްލާމްގެ ބަޔާނުން ސާފުކޮށް ހާމަވާ ކަމަށާއި އަދި އެކަން ފެންނަން އޮތްއިރު ފޭކް ރިސިޕްޓެއް އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެސްއޯއެފްއިން ދީފައިވާ ރިސިޕްޓަކަށް ޒިންމާވާން ނުޖެހޭ ކަމަށާއި ކުންފުނިތަކުގެ ސްޓޭމްޕްތަކަކީ ކޮންމެ ކޮންމެ މީހަކަށް ހެދޭނެ އެއްޗެއް ނޫންކަން ތަހުގީގީ އިދާރާތަކަށް ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިއީ މަގާމުން ދުރުކުރަން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތެއް
މަހްލޫފް މީގެކުރިން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އޭސީސީން މައްސަލާގައި ދައުވާކުރުމަށް، ޕީޖީއަށް ފޮނުވުމާއި ގުޅިގެން މިނިސްޓަރުކަމުން މަހްލޫފް ވަނީ އެކަހެރިކޮށްފަ އެވެ.
އެސް އޯ އެފްއިން ޑޮލަރު ވިއްކާ ވާހަކައާއި ވިއްކި މީހެއްވެސް ހުންނާނެކަން ޔަގީނެވެ. އަދި އެޑޮލަރުން ގަނެފައިވާ އެއްޗެއްވެސް އޮންނާނެތާއެވެ. ޑޮލަރު ގަތުމަށްޓަކައި ފައިސާ ނެގި ބޭންކް އެކައުންޓް ވެސް އޮންނާނެތާއެވެ.