ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ޗައިނާ ސަފީރާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ހޯމަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން ތިން ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ.

އިންޑިއާގެ ސަފީރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރު ފަހުއެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އިންޑިއާ އަދި ޗައިނާއާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރަނގަޅު ޚާރިޖީ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ގައުމަކާވެސް ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށް މި ސަރުކާރުން ވަނީ ކުރިންވެސް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.