މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން | ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ޑރ. ހުސެއިން ރަޝީދު ހަސަން އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޑރ. ހުސެއިން އަށް ރުހުންދޭން ފެންނަ ކަމަށް ފާސްވީ 55 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ޑރ. ހުސެއިން ފިޝަރީޒް މިނިސްޓަރ ކަމަށް އައްޔަނުކުރެއްވީ މިދިޔަ މޭ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާ އަށް މަޖިލީހުން ރުހުން ދިނުމުގައި ލަސްތަކެއް ކުރިމަތިވެގެންދިޔައީ، ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި، މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެކަމުގައި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބެލެވުމުންނެވެ.

މި މައްސަލައާޢި ގުޅޭގޮތުން ކޮމިޓީ އަށް ގޮތެއް ނުނިންމި ދިގުލައިގެންދިޔައީ ޑރ. ހުސެއިން އަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރަކަށްވުމުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާ އާއި 136 ވަނަ މާއްދާއާއި ފުށުއަރާކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.

އެހެންނަމަވެސް ގާނޫނު އަސާސީގެ 130 ވަނަ މައްދާއަކީ ވަޒީރުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މައްދާ ކަމަށްވާއިރު މި މާއްދާ އޮތް ގޮތުން ޑރ. ހުސެއިންއަށް ރުހުން ނުދެވޭނެ ސަބަބެއް ނެތެވެ. 136 ވަނަ މާއްދާއަށް ބަލާލާއިރު އެ މާއްދާގައި އޮތީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ސަރުކާރުގެ މަގާމެއް، ނުވަތަ މަންފާއެއް ލިބޭ އެނޫންވެސް މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ލަފަޔަކަށް ވެސް ކޮމިޓީން އެދުނެވެ. އެގޮތުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފް އެރުވި ލަފާގައި ވިދާޅުވެފައިވަނީ ޑރ. ހުސެއިން އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރެއްވިއިރުވެސް، އޭނާ އަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރެއް ކަމަށެވެ. މިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވެފައިވަނީ އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ވަޒީރުކަމަށް ޝަރުތު ފުރިހަމަވޭތޯ ރައީސް އޮފީހުންނާއި މަޖިލީހުން ވެސް ކަށަވަރުކުރުމަށްފަހު ކަމަށެވެ.

ކުރިން އެންވަޔަރަމެންޓް މިނިސްޓަރ ކަމުގައި ހުންނެވި ޑރ. ހުސެއިން އަށް ފިޝަރީޒް މިނިސްޓަރ ކަން ދެއްވީ އެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މަގާމުން އިސްތިއުފާދެއްވުމުންނެވެ. މިހާރު އެންވަޔަރަމެންޓް މިނިސްޓަރ ކަން ކުރައްވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.