ކާމިޔާބު ފްރެންޗައިސް "ރޭސް" ގެ ހަތަރުވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާރު ކުރިއަށް ދަނީ "ރޭސް 4" ސްކްރިޕްޓް ލިޔުމުގެ މަސައްކަތެވެ. މި ފިލްމްގެ ސްކްރިޕްޓްވެސް ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ "ރޭސް"، "ރޭސް 2" އަދި "ރޭސް 3" ގެ ސްކްރިޕްޓްވެސް ތައްޔާރުކޮށްފައިވާ ޝިރާޒް އަހުމަދު އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ޕްރޮޑިއުސަރ ރަމޭޝް ތައުރާނީ ވަރަށް އަވަހަށް މި ފިލްމަށް ޑައިރެކްޓަރެއް ހަމަޖައްސާނެއެވެ. އަދި، ސްކްރިޕް ތައްޔާރުކޮށް ނިމުނުހާ އަވަހަކަށް ފިލްމުގެ ކާސްޓުން ހަމަޖައްސާނެ ކަމަށް ވަނީ ބުނެފައެވެ. ކޮވިޑްގެ ހާލަތަށް ބަލައި މިއަހަރުގެ ފަހުކޮޅު ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
"ރޭސް 4" ގައި ފެނިގެންދާނީ "ރޭސް" އަދި "ރޭސް 2" ގެ ލީޑް އެކްޓަރ ސައިފް އަލި ޚާން ކަމެއް ނުވަތަ "ރޭސް 3" ގައި ލީޑް އެކްޓަރގެ ރޯލު އަދާކުރި ސަލްމާން ޚާން ކަމެއް އަދި ސާފެއް ނުވެއެވެ.
"ރޭސް" ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމަކީ އައްބާސް މުސްތާން ޑައިރެކްޓް ކޮށްފައިވާ ދެ ފިލްމެވެ. "ރޭސް 3" ޑައިރެކްޓް ކޮށްފައިވަނީ ރޭމޫ ޑި ސޫޒާއެވެ.