ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި އެމަނިކުފާނުގެ ހަށިފާރަވެރިޔާ އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިއްޖެއެވެ.
ޖަޒީރާއާ ވާހަކަ ދައްކަމުން އިލްހާމްގެ އާއިލާގެ މީހަކު ބުނީ، އިލްހާމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވަނީ ކަނދުރާގެ ޑިސްކު ހަލާކުވެފައި ވުމާއި ގުޅިގެން ކަމަށެވެ.
އަދި މި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި މާދަމާގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެއެވެ.
Bomuge hamalaain @MohamedNasheed salaamaiy kuri Ilham @same1554 sir ge Kandhuraage disk halaakuvefai vaathee maadhamaa igmh ga operation kurey. Avas shifa akah dua kuran pic.twitter.com/Eyde4W29D2
— Nazim Sattar (@nazimsat) June 28, 2021
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ.
މި ހާދިސާހިނގި ވަގުތު ރައީސް ނަޝީދުގެ އެންމެ ގާތުގައި ހުންނެވީ އިލްހާމް ކަމަށްވާއިރު، އެއްޗެއް ގޮއްވާލުމާ އެކު ރައީސް ނަޝީދު ބިންމަތިން ނަގައި ކާރަށް އެރުއްވީ ވެސް އިލްހާމެވެ. އަދި މި ހާދިސާގައި އިލްހާމްއަށްވެސް އެކި ވަރުގެ އަނިޔާ ލިބި އޭޑީކޭ ހޮސްޕިޓަލުން އެރޭ ވަނީ ފަރުވާ ހޯދާފައެވެ.
ހަމަލާއަށްފަހު އޭޑީކޭ ހޮސްޕިޓަލްގައި ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރުމަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާގެ ސަބަބުން ވަން ރޭޒަރފުއްތައް ނެގުމަށް 16 ގަޑިއިރުގެ ތެރޭގައި ޑޮކްޓަރުން މުހިންމު ގިނަ އޮޕަރޭޝަންތަކެއް ކުރިއެވެ. އެއަށްފަހު އޭޑީކޭގައި އަށް ދުވަސް ހޭދަކުރުމަށްފަހު އެމަނިކުފާނު ގެންދަވަނީ ޖަރުމަން ވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.