ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހިންގާ ވެކްސިން ޕްރޮގްރާމުގެ ދަށުން އެމެރިކާ ފަހަތަށް ޖައްސާލައި، އިންޑިއާއިން އެންމެ ގިނަ ވެކްސިން ޑޯޒް ފުރިހަމަ ކުރި ގައުމުގެ ޝަރަފު ހޯދައިފިއެވެ.
އިންޑިއާ ސަރުކާރުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެގައުމުން ވަނީ މިހާތަނަށް 323.66 މިލިއަން ވެކްސިން ޑޯޒް އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، މި ލިސްޓުގެ ދެވަނައަށް ވެއްޓުނު އެމެރިކާއިން ހަމަކޮށްފައިވަނީ 323.33 މިލިއަން ވެކްސިން ޑޯޒެވެ.
#LargestVaccineDrive #Unite2FightCorona pic.twitter.com/r11NU1q3yA
— Ministry of Health (@MoHFW_INDIA) June 28, 2021
ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ބަލިން އަރައިގަތުމަށް އޮތް ހަތިޔާރަކީ ވެކްސިން ކަމަށް ދެކިގެން ބޮޑު އާބާދީއެއް އޮންނަ އެ ގައުމުގެ ރައްޔިތުންނަށް މެދު ކެނޑުމެއް ނެތި ވެކްސިން ފޯރުކޮށްދެމުންނެވެ.
އިންޑިއާގައި ކަންބޮޑުވާ ދަރަޖައަށް ކޮވިޑު ފެތުރިފައިވާއިރު، ކޮވިޑުގެ އެކި ވޭރިއަންޓްތަކެއްވެސް އެގައުމުގައި ފެތުރެމުން އަންނަ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. ނަމަވެސް، އެ ގައުމުން ވަނީ ހުރިހާ ގޮންޖެހުންތަކާއެ، ކޮވިޑް ކޭސްތަކުގެ އަދަދު މަދުކޮށް، ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ޕޮޒިޓިވްވީ 46،148 މީހުންނެވެ. އެ ގައުމުގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 5،72،994 ހުރިއިރު، ރިކަވަރީ ރޭޓް އުޅެނީ 96.80 އިންސައްތައިގައެވެ.