ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ޕީޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނު އެދުމަށް، އިއްޔެގެ ނިޔަލަށް ޖަވާބެއް އަދި ނުލިބޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިކޮށް ޝަރީއަތުގައި ބައިވެރިވާން ހުއްދަ ދިން މައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައެވެ. އަދި ފުލުހުންގެ ފަރާތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ ޝަމީމްގެ ބްލޮގުގައި އިއްޔެ ޝާއިރުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، ޕާސްޕޯޓު ހިފަހައްޓަން އެދުނު އެދުމަކަށް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި މި މައްސަލައިގައި ފަނޑިޔާރު ބަދަލު ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުން ބަދަލުކުރުމަކީ މުޅި މައްސަލައަށް އޮތް ހައްލެއްވެސް ނޫން ކަމަށެވެ.

" އޭގެ ދެ ނަތީޖާއެއް ނުކުމޭ. އެއް ނަތީޖާއަކީ ހަސްމުން ބޭނުންވެގެން ފަނޑިޔާރުން ބަދަލުކުރުން. އަނެއް ކަމަކީ ފަނޑިޔާރު އަމިއްލަ ފުޅަށް އެ މައްސަލަ ދޫކޮށްލަން ބޭނުމިއްޔާ، މިސާލަކަށް މާ އުނދަގޫ މައްސަލައަކަށް ވަންޏާ ވަރަށް ބޮޑަށް އެއް ފަރާތަށް ދަތިކޮށްގެން އެމީހާ އެދިގެން ބަދަލުވެވޭނެ ގޮތެއް ހޯދުން. މި ދެ ގޮތުން ކުރެ ގޮތެއް ވާކަށް އަޅުގަނޑުމެން ނޭދެން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި ގާނޫނީ ގޮތުން ރަނގަޅު ހައްލެއް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުމުން އޭނާ ވަނީ ގައުމުން ބޭރަށް ފުރާފައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު، ރާއްޖެއިން ފުރައިގެން ދިއުމަށް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހަށެވެ. މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ.

އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން، އަލީ ވަހީދު ވަނީ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވަފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.