ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި
ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާ ކަމަށް ބުނެފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ކަންބޮޑުވާ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން ކަމަށާއި އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތެއް އޮވެގެން ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.