ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ސައުތު ޕޮލިސް ޑިވިޝަންގައި އަށް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.
އަށް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލާގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާއަކީ ބިދޭސީ ފިރިހެނެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތައް ކަމުގައި ބަލައިގެން ތަހުގީގު ކުރާ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ ނަމާއި، ރަށް އަދި އަތޮޅު ހާމަ ނުކުރަނީ ވެސް ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުންނެވެ.