މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާރމަން ކަމުގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.
ނަޒާކީ ޒަކީ މަގާމުން އިސްތިއުފާ ދީފައިވާކަން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ބެލެވޭ ގޮތުން ޒަކީ އެ މަގާމަށް އިސްތިއުފާދީފައިވަނީ އާދީއްތަ ދުވަހުއެވެ.
ޗެއާރމަންގެ މަގާމުން ޒަކީ އިސްތިއުފާ ދީފައިވާއިރު، އެމްޕީއެލްގެ ބޮޑު ހިޔާނާތުގެ މައްސަލައެއްވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ. އެގޮތުން، ތެލުގެ ވަގު ވިޔަފާރި ކޮށްގެން 8 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވާކަމަށް ޒަކީވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެ މައްސަލަ މިހާރު ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް، އަދި އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ.
އެމްޕީއެލްގެ ޗެއާރމަން ކަމުގެ މަގާމަށް ޒަކީ އައްޔަންކުރެވުނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި 17 ފެބްރުއަރީ 2019ގައެވެ.