ސަރުކާރުން ކަރަންޓު ރާއްޖޭގައި ފޯރުކޮށްދޭން ފެށީއްސުރެ، އާންމުކޮށް އިވޭ އެއް ވާހަކައަކީ ކަރަންޓު ކެނޑުމުގެ ޝަކުވާއާއި އިންޖީނުގެއިން ދޭ ހިދުމަތަށް އިތުބާރުނުކުރެވޭ ވާހަކައެވެ. މި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން "ފެނަކަ ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި 18 ޖޫން 2012ވަނަ އަހަރު ކުންފުންޏެއް އުފެއްދިއެވެ.

ކުންފުންޏަށް މިހާރު 8 އަހަރު ފުރިފައިވާއިރު ފުރަތަމަ 6 އަހަރުވެސް ކުންފުނި އުފެއްދި ހަގީގީ މަގްސަދު ހާސިލްވެފައިނުވާކަން ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ހޯދައިދީ ރަށްރަށުގައި ލިބޭ ކަރަންޓުގެ ހިދުމަތަކީ ފެންވަރު ރަނގަޅު، އަދި އިތުބާރު ކުރެވޭ ހިދުމަތަކަށް ހެދުމަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވިއެވެ. އަދި މި ވައުދު ފުއްދުމަށްޓަކައި އެ ކުންފުނީގެ މާލިމީކަން ހިންގުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ އަހުމަދު ސައީދާއި ހަވާލުކުރެއްވިއެވެ.

2018 ވަނަ އަހަރު ފަހުކޮޅު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި އަހުމަދު ސައީދު ހަވާލުވުމާއި ހަމައަށްވެސްް ކުންފުނި އޮތީ މާލީ ގޮތުންނާއި ހިންގުމުގެ ގޮތުންވެސް ވަރަށް ދަށުގައެވެ. މިކަން ބަދަލުކޮށް ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މާޒީގައި ހޭދަކޮށްފައި ނުވާ މިންވަރަށް މާލީ ބޮޑެތި ހޭދަތަކެއް ކުރިއެވެ. 49 އައު އިންޖީނުގޭގެ މަސައްްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވޮޓް އިންސްޓޯލްކޮށް، ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒްކޮށް، ކަރަންޓު ވިއުގަ އަޕްގްރޭޑްކުރިއެވެ. 

ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކޮށް ކުންފުނި ހަމަ މަގަށް އެޅުވުމަށްޓަކައި އަހުމަދު ސައީދުވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސައީދުގެ މާލިމީކަމުގައި 2 އަހަރު ވުމާއި ގާތްވެފައިވާއިރު، އެ ކުންފުނި ހަމަ މަގަށް ހަގީގަތުގައިވެސް އެޅިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓުން މިވަނީ ހާމަވެފައެވެ. 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގައި ވާގޮތުން ޒަމާނުއްސުރެ ގެއްލުން ވަމުން ދިޔަ ކުންފުނި 2019 ގައި ވަނީ 35 މިލިއަން ރުފިޔާގެ ފައިދާ އާއެކު ވަނީ ތާރީޙު ބަދަލު ކޮއްފައެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ، މިއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވަރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ފުރިހަމަ ޖަވާބެއްކަމަށެވެ. އަދި މާލީގޮތުން ފުދުންތެރި ހިންގުމުގެ ގޮތުން ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ހިންދެމިލެވުމަކީ ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު އިންގިލާބީ ބަދަލު ސާބިތުކޮށްދޭ އަސާސީ ހައްކެއްކަމަށެވެ. 

ފެނަކަ އަރަނިވެރި ކުންފުންޏަކަށް ވުމުގެ ސިއްރަކީ އިހްލާސްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތުގައި މަސައްްކަތްކުރުމުގެ ނަތީޖާކަން ކަށަވަރެވެ. ކަރަންޓަކީ އަސާސީ ހިދުމަތަކަށްވާއިރު ފެނަކައިން މިވަނީ ރައްޔިތުންނަށް ގެއްލިފައިވާ އުންމީދު އާކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.