ތިމާވެއްޓަށް ގެއްލުންދޭ ގޭހެއް ކަމަށްވާ ހައިޑްރޯ-ކްލޮރޯ-ފްލޮރޯ-ކާބަން (އެޗްސީއެފްސީ) ގޭސް ދިވެހިރާއްޖެއިން އެއްކޮށް ފޭސް އައުޓް ކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ގޭސް ރާއްޖެއިން މިދިޔަ އަހަރު ތެރޭ އެއްކޮށް ފޭސް އައުޓްކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ކާބިޔާބީ ފާހަގަކުރުމަށްޓަކައި މާދަމާ 16:30 ގައި އޮންލައިންކޮށް ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
(އެޗްސީއެފްސީ) ފޭސް- އައުޓް މެނޭޖްމަންޓް ޕްލޭނަކީ 2010 ވަނަ އަހަރު އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއިން ނައްތާލުމުގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ވައުދުގެ ދަށުން ފެށި 10 އަހަރުގެ މަޝްރޫއެކެވެ. މަލްޓިލެޓަރަލް ފަންޑްގެ (އެމްއެލްއެފް) ހިލޭ އެހީ މެދުވެރިކޮށް ހިންގި މި މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތުގެ ދަށުން މި 10 އަހަރު ތެރޭގައި ރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކޮށްފައެވެ.
މިއީ ޕްރޮޓޮކޯލް އިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިން ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ކާމިޔާބީއާއި އެކު ރާއްޖެ ވެގެންދާނީ އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ގައުމަށެވެ.
އެޗްސީއެފްސީ އަކީ ޔުނައިޓެޑް ސްޓޭޓްސް ގައި 20 ވަނަ ގަރުނުގައި އުފެއްދި ގޭހެކެވެ. މި ގޭސް އާއްމުކޮށް ބޭނުންކުރީ ރެފްރިޖަރޭޓަރ އަދި ފްރީޒަރ ތަކުގައެވެ. އެހެންނަމަވެސް 1990 ވަނަ އަހަރު، އެޗްސީއެފްސީ ފަދަ ކްލޮރިނޭޓެޑް ގޭސްތަކުގެ ސަބަބުން އޯޒޯން ފަށަލައަށް ގެއްލުން ލިބޭ ކަން އެނގިގެން ދިޔައެވެ.