ރަހީނުކޮށް، މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލައިފައި އޮއްވާ ފެނުނު ކުއްޖޭގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާތެރޭ ފުރުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝލް ވިދާޅުވީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުރުވާލުމަށް މަސައްކަތް ކުރަމުންދަނީ އިންޑިއާއަށް ކަމަށެވެ. އަދި ކުއްޖާގެ މަރާއި ގުޅިގެން ހިންގާ ތަހގީގުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ތަހުޤީޤަށް ޕޯސްޓްމޯޓަމް ރާއްޖޭގައި ހެދޭނެ އިންތިޒާމެއް ނުހުރެ އެވެ. އެހެންކަމުން ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެނަމަ ހަށިގަނޑު ޖެހެނީ އަވަށްޓެރި ޤައުމަކަށް ފޮނުވާލާށެވެ.އާންމުކޮށް ތަހުޤީޤްގެ ބޭނުމަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވަމީ އަވަށްޓެރި އިންޑިއާ އަށެވެ.
ހުޅުމާލެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ.
މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.