އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރާއި ގުޅިގެން އޭނާގެ ޑޮކްޓަރުގެ ގެޔާއި އޮފީސް ބަލައި ފާސްކޮށްފިއެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު އުމުރުން 60 އަހަރުގެ މެރަޑޯނާ މަރުވީ ކާޑިއަކް އެރެސްޓަކާއި ގުޅިގެންނެވެ. 

އޭނާގެ މަރާއި ގުޅިގެން ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް ނިންމީ އާއިލާގެ މެމްބަރުން ދިން ބަޔާންތަކުގައި ތަހުގީގު ކުރަން ޖެހޭ ފަދަ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރެވިގެން ކޯޓު އަމުރަކަށް އެދުމުން އެ އަމުރު ދިނުމަށް ކޯޓުން ނިންމުމުންނެވެ. ތަހުގީގު ޓީމުން އޭނާގެ ޑޮކްޓަރުގެ ގެ ބަލައި ފާސްކުރީ އޭނާގެ މެޑިކަލް ރިކޯޑްތައް ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މެރަޑޯނާ މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް ދީފައިވެއެވެ. އަދި އޭނާގެ ސިކުނޑީގައި ހުރި ލޭ ގަނޑުކޮޅެއް ނެގުމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް ކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނަށް ހަފްތާއެއްވުމާއެކު އޭނާގެ ރިކަވަރީ ކުރިޔަށް ގެންދިޔައީ ގޭގާއެވެ. އަދި މަރުވެފައިވަނީ ވެސް ގޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. 

ޑރ. ލިއޯޕަލްޑޯ ލަކޭ ވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި މަޑުކުރުމަށް މެރަޑޯނާގެ އަރިހުން އެދުނު ކަމަށް ބުނެފައެވެ. އޭނާއަށް ފަރުވާ ދިނުމުގައި އެއްވެސް އިހުމާލެއް ވެފައި ނޯންނާނެ ކަމަށް ޑޮކްޓަރު ބުނެއެވެ. 
އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލް ކެރިއަރު ފެށި މެރަޑޯނާ ވަނީ ޔޫރަޕުގެ މަޝްހޫރު ކްލަބްތަކަކަށް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަން އަދި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް މެރަޑޯނާއެވެ. އިނގިރޭސިވިލާތް ކޮޅަށް އޭނާ ޖެހި ދެ ލަނޑަކީ ވެސް ފުޓްބޯޅައިގެ ތާރީހުގައި ހޮވާލެވޭ އެންމެ މޮޅު ލަނޑުތައް ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.