ރާއްޖޭގެ ދީނީ އިލްމްވެރިންނަށް އޮތް ގަދަރާއި އިހުތިރާމް ދުވަހެއް ދުވަހަކަށް ފަނޑުވެދިއުމުގެ ބަދުނާމު ދީނީ އިލްވެރިން އަޅުވަނީ އެކި ފަރާތްތައް ބޮލުގަ އެވެ. އެއީ ބަޔަކު ގަސްތުގައި، ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަންކުރާ މީހުންނަކީ ލާދީނީ ބަޔެއްކަމާއި، އެ މީހުންގެ ވިސްނުމަށް ތާއީދުކުރާ މީހުންވެސް އެއީ ދީނުން ބޭރުވެފައިވާ ބައެއްގެ ގޮތުގައި ސިފަކޮށް ހެދި އެވެ.
އޭރުވެސް، މީހާރުވެސް ދީނީ އިލްމްވެރިންގެ ނަމުގައި ނިކުމެ ތިބެ ކުރަނީ ހަމަ އެ މަސައްކަތްތަކެވެ. މުޖުތަމައުގައި ނެތް މައްސަލަތަކެއް ފެންމަތިކޮށް ބައިބައިވުންތައް އުފައްދާ ހެދުމުގެ ނަތީޖާ މިއަދު މި ފަސްގަނޑުގެ ކޮންމެ ދިމާލަކަށް ބެލުމުން އެ ހުރީ ފެންނަނާށެވެ. ޒުވާނުންގެ މެދުގައި ދީނަށް އޮތް ލޯބި ފަނޑުވެ، އިލްމްވެރިންނަށް ކުި އިހްތިރާމާއި ގަދަރު މަޑުމަޑުން ފޮހެވެން ވަނީ ފަށައިފަ އެވެ.
އިލްމްވެރިންގެ ނަމުގައި ނިކުމެ ތިބި މަދު އިލްމްވެރިންނެއް ފިޔަވައި ދެން ތިބި އިލްމްވެރިންގެ ދެއްވާ ދަރުސްތަކުގެ މަޤްސަދު ހުންނާނީ ވަކި ދިމާލެއްގަ އެވެ. ދީނުގައި އޮތް ރަނގަޅުގޮަތާއި، ސުލްހާއި، އެއްބައިވަންތަކަމާއި، މެދުމިނުގެ ވާހަކަތަކުގެ ބަދަލުގައި ބަހުމުގެ ހަމަލާތައް އަމާޒުކުރާނީ ކޮންމެވެސް ސިޔާސީ ފަރާތަކަށެވެ. އެއަށްފަހު ހަރުކަށި ވިސްނުންތަކަށް ގޮވާލައި، ވަކި ބަޔަކީ ދުޝްމަނުންގެ ގޮތުގައި ސިފަކުރަން ފަށަ އެވެ.
މިފަދަ އިލްމްވެރިންގެ މަޤްސަދާއި މެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދަނީ އެވެރިންގެ އަޑު ކުއްލިއަކަށް ގަދަވެދާގޮތުންނެވެ. ވަކީން ހައްސަކޮށް އިންތިހާބުތަކަށް އަޑުގަދަވެ، އުޅޭ އުޅުމަކީ ދިވެހިންނަށް މިއަދު އައު މަންޒަރެއް ނޫނެވެ.
ހަމައެގޮތަށް މިފަހުން މިފަދަ އިލްމްވެރިންގެ އަޑުގަދަވާ އިތުރު ދުވަސްވަރެއްވެސް އަންނަނީ ފާހަގަވަމުންނެވެ. ބޮޑު މައްސަލައެއްގެ ފެންމަތިވާ ހިސާބުން، ނުވަތަ ބޮޑު ކަންތައް ގަނޑެއްގެ ތެރޭގައި އެކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެންމެ މަސްއޫލުވާ ވަގުތާއި، އިލްމްވެރިންގެ އަޑުގަދަވާ ވަގުތާއި އެއް ވަގުތަކަށް ދިމާވުމަކީ އިއްތިފާޤަކަށްވުމަށްވެރެ ތަސްވީރުކޮށްދެނީ އެހެން އެޖެންޑާއެއް ހާސިލްކުރުމަށް ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައިކަމަށް ބެލެވެން ވަނީ ފަށައިފަ އެވެ.
މިފަހުގެ ހަދިސާތައް އެކަނިވެސް އެކަމަށް ބާރުދެ އެވެ. ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެކަމެއް ނޫނެވެ. ރާއްޖޭގެ ވެރިރަށުގެ އެންމެ މީހުން ގިނަ ސަރަހައްދުގައި އެއްޗެއް ގޮވާލާ، ހިންގި ޓެރަރިޒަމްގެ އަމަލީ އެކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭވަރުގެ ނުރައްކަލުން ފުރިގެންވި ހަމަލާއެކެވެ.
ހަމަލާ ތަހުޤީޤްކުރުމުގެ މަސައްކަތާ އެއް ހަމައަކުން، އެ މަގަށް ކަންކަން މަގުފަހިކުރުވި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ފަށައި، ނަފްރަތުގެ އަމަލަކީ ކުށަކަށް ހެދުމަށް މަޖިލީހަށް ބިލެއް ވެއްދި އެވެ. ބިލް ވެއްދުމާއެކު ބިލްގެ ބަހުސްއާއެކު، ފާޑުކިޔުންތައް އަމާޒުވިި އެވެ. ފާޑުކިޔުންތައް ސަރުކާރުން ނެގީ، ސަރުކާރަކަށް ނެގޭނެ އެންމެ ފުރިހަމައެއްކޮށެވެ. އެގޮތުން ދީނާއި ދެކޮޅު ހަރަކާތްވެސް ކުށަކަށް ހެދުމަށް ސަރުކަރުން އިތުރު ބިލެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށިކަން އިއުލާންކުރި އެވެ.
ސަރުކާރުން އިސްކުރީ، ޤައުމުގެ މަސްލަހަތާއެކު ފަޑުކިޔުންތައް އަޑުއަހައި ކުރިއަށް ދިއުމުގެ މަގު އެވެ. ދެން ޖެހިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއިވިވަޑައިގެންނެވިކަމަށް ވިދާޅުވެ، ބިލަށް ބަދަލުތަކެއް ގެންނަވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންވެސް ބިލްގެ ބައެއް ބަސް މަގަށް ބަދަލު ގެންނަންޖެހޭކަމަށް ގަބޫލުކުރި އެވެ.
ކަންބޮޑުވުންތަކުގެ އަޑާއެކު އެކަމެއްގެ އަޑުއިވިވަޑައިގެންފިކަމަށް ވިދާޅުވެ ބަދަލުތައް ގެންނަވާނެކަމުގެ ޔަޤީންކަން ފިޔަވައި އެ ދަނޑިވަޅުގައި އިލްމްވެރިންގެ ނަމުގައި ނިކުމެ ތިބި ބަޔަކު ބޭނުންވާނެ އިތުރު ޔަޤީންކަމެއް އޮންނަނާނެތޯ ސުވާލު އުފެދެ އެވެ. އެހެނީ އެ ދަނޑިވަޅުގައި ބިލް ހަމައެކަނި މަޖިލީހަށް ހުށަހެޅިކަމެވެ. ބިލް މަޖިލީހަށް ބަލައިގަނެ، ކޮމެޓީއަށް ފޮނުވައި، ކޮމެޓީން އާންމުގެ ހިޔާލާ މުއައްސަސާތަކުގެ ހިޔާލުތައް އެއްކޮށް، ބިލް ނިންމައި، މުޅި މަޖިލީހުގެ ތަޅުމަށް ފޮނުވައި، މަޖިލީހުން ފާސްކުރުމުން ރައީސް އެ ތަސްދީޤްކުރެއްވުމުން ނޫނީ އެ ޤާނޫނަކަށް ނުވާނެ އެވެ. ޤާނޫނަކަށްވުމާދޭތެރޭގައިި އެޅިފައިއޮތީ ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް އިލްމްވެރިންގެ ނަމުގައި ނިކުންނަވާ ބޭފުޅުންނަށް ދަނޑިވަޅު ފެނުނީ ލިބުނު ޖަވާހީރެއްގެ ގޮތުގައިކަމަށްވެދާނެ އެވެ. ބިލާ އެއްކޮޅަށް ވާހަކަދައްކާ މީހާއަކީވެސް ކާފަރެއް ނުވަތަ ލާދިއްޔަތު ގެންނަ މީހެއްގެ ގޮތުގައި ލޭބަލްކޮށް އޮތީ ނިންމާފަ އެވެ.
ޤައުމު އޮތް ނުރައްކާތެރި ހާލަތާއި، މައްސަލަތަކުގެ ހައްލައް ވިސްނުމެއް ނެތެވެ. ފެއްޓެވީ އާންމުކޮށްވެސް މަސައްކަތްކުރައްވާ އުސޫލުންނެވެ. ނަތީޖާއެއްގެ ގޮތުން އެކަކު އަނެކެއް ބަދުނާމުކޮށް ހަދަމުންދިޔައިރު، އަސްލު ބޮޑު މައްސަލަ މަޑުމަޑުން ވަނީ އެއް ފަރާތްވެފަ އެވެ. ދެން އެ ދަނޑިވަޅުގައި އިލްމްވެރިޔަކު ނިކުންނެވީ އަންހެނުން ހިތާނުކުރުމަށް ވަކާލާތުކުރެއްވުމައިގެންނެވެ. އަކަންވެސްވެގެންދިޔައީ މުޖުތަމައުގައި އޮތް ކުޑަކުޑަ ހަމަޖެހުމަށް އިތުރު ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ.
ނިކުތީ އެއް ނަތީޖާއެކެވެ. އެއީ މުޖުތަމައުގައި އޮތް ބޮޑު މައްސަލަ އެއް ފަރާތްވެ، އިތުރު ހުޅުތަކެއް ރޯވެ، ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންތައް ރޯވާން ފެށުމެވެ.
ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ ވާހަކަތައް ދައްކާލެއް މަޑުވެ، އޭގެ މޫތައް ދަމަމުން ވަޑައިގަންނަވާ އިލްމްވެރިންނަށް ހިތްހަމަޖެހުމުގެ ނާވައެއްލެވުމުގެ ފުރުސަތެއް ދިނުމަށްފަހުގަ އެވެ.
މިއަދު އެކަކުވެސް ދެބަސް ނުވާނެ އެއް ހަޤީޤަތަކީ ހައްދުފަހަނަ އެޅުން އޮތީ ހައްދުން ނައްޓާފަކަމެވެ. އެކަމަށް ހައްލެއް ގެނައުމަށް މުޅި ޤައުމު އެކުގައި ތެދުވާންޖެހޭއިރު، ދީނުގެ ރަނގަޅުގޮތް ބުނެދޭނެ އިލްމްވެރިންގެ މުހިންމުކަން ބޮޑުކަމެވެ. ނަމަވެސް މިސްރާބު ހުރީ އެ ދިމާލަށް ނޫކަމީ ދުރުގައި ހުރެ ތަސްވީރު ބަލާ ހަމަ ކޮންމެ މީހަކަށްވެސް ފެންނާނެ މަންޒަރެވެ.
ޢިލްމުވެރީން ކިތަންމެ ރަނގަޅު ނަސޭހަތެއް ދިނަސް އެ ނަސޭހަތާމެދު ދީނީ އެންގަލަކުން ވިސްނުމުގެ ބަދަލުގައި ސިޔާސީ އެންގަލަކުން ވިސްނާނަމަ ތިމަންނާއަށް ހީވާނީ ޢިލްމުވެރިޔާ އެހެރީ ސިޔާސީ ވެފައިކަމަށެވެ.
އެންމެނާމެދު ހަމަހަމަ އުޞޫލަކުން ޢަދުލުވެރި ޝަރީޢަތެއް ކުރާނަމަ، ސިޔާސީ ގިނަ ބައެއްގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލާ، ޝަރީޢަތުގައިވާ އަދަބުދީ އަދި އަނގަ ޙައްދު ޖަހަން ޖެހޭ ބައިވަރު މައްސަލަ އެބަހުއްޓެވެ.
ހައްގު ތެދު.. ތީ ހަމަ ކަން އޮތް ގޮތް...