ހުޅުމާލެ-މާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ބައްލަވައިލައްވައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އާއި ސްޓެލްކޯގެ އިސްބޭފުޅުންނާއި މާލެ ސިޓީއަށް ކަރަންޓް ދިނުމުގެ އިންތިޒާމްތައް ހަަމަޖެހިފައިވާގޮތް ބައްލަވައިލައްވާ މިނިސްޓަރ ޗައުނާ ވަނީ މި މަސައްކަތް ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި މާލެ ސިޓީއަށް ކަރަންޓު ދިނުމުގައި ދިމާވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
Discussed details of the interconnection project which connects the power houses in Hulhumale and Malè, STELCO’s Green Life service and ways to incentivise switching to sunshine and expanding the clean energy program. https://t.co/RtbyCo8KXV
— Shauna Aminath 🎈❓ (@anuahsa) June 26, 2021
ޖަޒީރާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުޣުނީ ވިދާޅުވެފައިވަނީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް"ގެ މަސައްކަތުގެ %97 މަސައްކަތް ނިމިފައިވާކަމަށެވެ.
މުޣުނީ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއެކު މި މަޝްރޫއުއަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރާ ވާހަކަ ދައްކައިގެން އެ ޕްރޮސެސްތައް އަވަސް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
މި މަޝްރޫއަކީ ސްޓެލްކޯ ވެސް އަދި ސަރުކާރުން ވެސް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓާން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށެވެ.
މި މަޝްރޫއަކީ، މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އަހަރަކު ގާތްގަނޑަކަށް 7 އިންސައްތަ ކަރަންޓުގެ ޑިމާންޑް އިތުރު ވުމުގެ ސަބަބުން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ގެނައުމަށް ހިންގާ މަޝްރޫއެކެވެ.