އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އޯ.އައި.ސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން އޮތީ ނީޖަރ ގެ ވެރިރަށް ނިއާމޭގައެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ގަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރެވެމުންދާ ގޮތާއި ބެހޭ ގޮތުން މެމްބަރު ގައުމްތަކުގެ ހާރިޖީ ވަޒީރުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. ރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަދެއްކެވިއެވެ. މީގެއިތުރުންވެސް، ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވި ކަމަށްވެސް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، ޕާކިސްތާން، މޮރިޓޭނިއާ، ސެނެގާލް އަދި ދަ ގެމްބިއާގެ ޚާރިޖީ ވަޒީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫ.އޭ.އީ، އިންޑޮނީޝިއާ، ޔޫގަންޑާ، މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

ނިއާމޭއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ އަރަބިއާގެ ރިޔާޟްގައި ޓްރާންސިޓް ކުރެއްވިއިރު އެ ގައުމުގެ އިސް ބައެއް ބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އެގޮތުން ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި ސަޢޫދީގެ ޓޫރިޒަމް މިނިސްޓަރ އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗެއަރމަން އަޙްމަދު އާޤިލް އަލް-ޚަޠީބް އާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ އާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ. ސަޢޫދީގައި ޓްރާންސިޓްކުރެއްވުމަށްފަހު މިނިސްޓަރ ނީޖަރއަށް ދަތުރުފުޅުކުރެއްވީ ސަޢޫދީ ޚާރިޖީ ވަޒީރުގެ އަރިހުގައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.

އޯ.އައި.ސީގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި އައު ސެކްރެޓަރީ ޖެނެރަލްއެއްވެސް އިންތިހާބުކުރުން އޮތެވެ. އެގޮތުން، އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޗާޑްގެ ކުރީގެ ޚާރިޖީ ވަޒީރު ޙިސެއިން ބްރާހިމް ތާހާ ވަނީ އިންތިޚާބުކޮށްފައެވެ. އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު، މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޑރ އުތައިމީންގެ ދައުރު ހަމަވުމުންނެވެ. 

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ. އޯ.އައި.ސީ އަކީ އ.ދ ނެގުމަށްފަހު އެންމެ ގިނަ ގައުމްތަކުން ހިއްސާވާ ބައިނަލްއަގްވާމީ ޖަމިއްޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.