"އާސްކް ސްޕީކަރ" ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އާސްކް ސްޕީކަރ އަކީ ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ ޕްރޮގްރާމްއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި އާސްކް ސްޕީކަރ ގެ ދެވަނަ ޕްރޮގްރާމް އޮންނާނީ 7 ޑިސެމްބަރު ވާ ހޯމަ ދުވަހުގެ 21:00 ގައެވެ.
މި ޕްރޮގްރާމްގައި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށްވެސް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އާސްކް ސްޕީކަރގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2019ގައެވެ. އެ ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.