ޓެރަރިޒަމާއި، ހައްދުފަހަނަ އެޅުމުގެ ވިސްނުމުގެ ފަރާތްތަކަށް ޤާނޫނުގެ ދިގު އަތް ނުފޯރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައި، "ކްލަބް ހައުސް" ގައި ވަހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައިވެސް ޓެރަރިޒަމްގެ ޤާނޫނުފަދަ ގިނަ ޤާނޫނުތަކެއް އެބަހުރިކަމަށެވެ. އަދި ފަނޑިޔާރުންނަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ބޭފުޅުންނަށް ވިސްނިވަޑައިގަންނަވަންވެއްޖެ ކަމަށެވެ.
ފަނަ ދުވަސް ޖަހާފައި ދޫކޮށްލާ ބާވަތުގެ ކަންކަން ނޫންކަން މި ކަންކަމަކީ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބެންޖެހޭކަމަށެވެ. އެއަށްފަހުގައި ވިިދާޅުވީ ޤައުމަށް ދިމާވެގެން އުޅެނީ ކުޑަކަމެއް ނޫން ކަމަށެވެ.
މިއަދު ފަނަރަ ދުވަސް ނުވަތަ ދިހަ ދުވަސް ޖަހައި ދޫކޮށްލާފައި ހުރިހާ ފަރާތްތައް މަގުމަތީގައި ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ކަނޑައެޅިގެން ޓެރަރިޒަމްގެ ކަންކަމުގައި އުޅޭކަން އެނގޭ ފަރާތްތަކަށް ފަސޭހައި މައާފު ލިބޭތަން ފެންނަ ކަމަށެވެ.
އަޅުގަނޑުމެން ކޮންމެ މެމްބަރެއްގެ ދާއީރާގައިވެސް އެބަތިބޭ އާދޭސްކޮށް، ރޮއެރޮއެ ތިބޭ ކުދިން..... މި މީސް މީހުންނަށް ޖަލުން ނިކުމެވޭނެ ގޮތެެއް އޮންނަނީ ނުވެފަ. އަޅުގަނޑުދެކޭގޮތުގައި މިހުރެ ކަންކަންކަމަށް އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ.
ރާއްޖެއަށް ދިމާވާން އުޅޭ ކަންތައްތަކެއްވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެކަންކަމުން އަރައިގަތުމަށް ގިނަ ބަޔަކު ހައްޔަރުކުރަންޖެހުނު ނަމަވެސް އެކަން ކުރަންޖެހެ އެވެ. އެގޮތުން ބޮން ހެދުމުގެ މައުލޫމާތާއި، އެ ޓެކްނޮލެޖީ އެނގިތިބި އެންމެ ހޯދައި، އެ އެންމެން ކޮންވެސް ގޮތަކަށް ބަލަހައްޓަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ބްރިޖް އެޅުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، އެއް ދަންފަޅީގެ މަަދަރުސާއާއި، މަތީ ތައުލީމާއި، ވަޒީފާގެ ފުރުސަތުވެސް ބޭނުންކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ދިމާވެގެން އުޅެނީ އެޔަށްވުރެ ބޮޑުކަމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިރިހުރުމުގެ ހައްޤާއި ސަލާމަތްތެރިކަމުގެ އެންމެ ބޮޑު ހައްޤު އެޔަށްވުރެ ބޮޑުކަމަށެވެ. އަދި ދެން އެމަނިކުފާނު ވަކާލާތުކުރަންޖެހިފައި އޮތީ އެ ހައްޤުތައް ހޯދުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.