ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިތަކެއްދީފި އެވެ.

މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ ކަމަށެވެ. އަދި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ވަނީ ހަމަޖައްސާފައިކަމަށެވެ.

މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ %50 ނަގަމުން ދިޔަނަމަވެސް މީރާއިން ބުނީ އެ އިންސައްތަ މިހާރު ވަނީ %5 އާއި %10 އާ ދެމެދަށް ކުޑަ ކޮށްދީފައި ކަމަށެވެ. އަދި 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ އެމް.އެސް.އެމް.އީ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލު އައިސްފައިވާ މިންވަރަށް ރިޢާޔަތްކޮށެވެ.

އިތުރު ލުޔެއްގެ ގޮތުން، މީރާއިން ވަނީ އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ނިންމައިފަ އެވެ. އަދި  ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

އޭގެއިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް މީރާއިން ބުނެ އެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށް އެ އިދާރާއިން ބުންޏެވެ.

މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުންކަމަށްވެސް މީރާ އިން ބުންޏެވެ.

 

1
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.