ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފިއެވެ. 

މީގެ ފަސް އަހަރު ކުރިން އަމިއްލަ ދަރިފުޅަށް އަނިޔާކޮށް މަރާލި މައްސަލާގައި އާފިޔާ ހައްޔަރުކޮށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އެ ދައުވާގެ ޝަރީއަތް ފަސް އަހަރަށް ދިގުލައިގެން ގޮސް، އެންމެ ފަހުން މިއަދަށް ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކުރިއެވެ. 

މީގެކުރިން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އެއްބަަސްވެފައެވެ. އަދި ދިފާއުވާން ބޭނުން ނުވާ ކަމަށާއި ވަކީލަކު ވެސް ބޭނުން ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އެކަމަށް ހަމަ ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފައެވެ. ކުށަށް އެއްބަސްވީ ނުފޫޒުގައި ކަމަށް ބުނެފައެވެ. އިބްތިހާލު މަރާނުލާ ކަމަށް ބުނެ ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ. 

އެކަމާ ގުޅިގެން ދައުލަތުން އާފިޔާއަށް ވަކީލަކު ހަމަޖައްސައިދިނެވެ. ނަމަވެސް ހުލާސާ ބަޔާން އިއްވުމަށް މި އަހަރުގެ ފެބުރުއަރީ މަހު ބޭއްވި އަޑުއެހުމަށް އާފިޔާ ވަނީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފައެވެ. ދައުލަތުން އެ ދުވަހު ވަރަށް ތަފްސީލުކޮށް ހުލާސާ ބަޔާން އިއްވިއެވެ. ނަމަވެސް އާފިޔާ ދިނީ ކުރު ޖަވާބެކެވެ. އެއީ އޭނާ އިބްތިހާލު މަރާާނުލާ ކަމެވެ. 

މިއަދުގެ އަޑުއެހުމަށް އާފިޔާ ހާޒިރުވެ އިނީ ވަކީލަކާއެކުއެވެ. އެއީ ބަންޑާރަ ނައިބުގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލެކެވެ. އަޑުއެހުން ފެށުމާއެކު އާފިޔާގެ ވަކީލް ރުކްޝާނާ ވަނީ ހުކުމް އިއްވުން ފަސްކޮށްދީ، އާފިޔާއަށް ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ވަކީލަކު ހޯދުމުގެ ހައްގު އޮންނާނެކަން ވަކީލް ފާހަގަ ކުރެއްވިއެވެ. ގާޒީ އާފިޔާއާ ސުވާލު ކުރުމުން އާފިޔާ ބުނީ ވަކީލަކު ބޭނުންވާ ކަމަށެވެ. 

އެކަމަށް ޕްރޮސިކިއުޓާ  ޖެނަރަލްގެ ވަކީލް ވެސް އިއުތިރާޒެއް ނުކުރެއްވިއެވެ. ވަކީލް ވިދާޅުވީ އާފިޔާއަށް އެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ހުކުމް އިއްވުން ފަސް ކުރައްވާފައެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދެއްވާފައެވެ. ވަކީލް ރުކްޝާނާ ވިދާޅުވި ގޮތުގައި ހުލާސާ ބަޔާން ތައްޔާރު ކުރުމަށް އާފިޔާއާ ބައްދަލު ކުރަން ވެސް ޖެހޭނެތީ އެކަމަށް 10 ދުވަސް ވަރު ހޭދަވާނެ ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ 10 ދުވަސް ފަހުން ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލު ކުރާށެވެ. އަދި އެއަށްފަހު ހުކުމް އިއްވުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.