ބައިނަލްއަގްވާމީ މުޖުތަމައުން ފަލަސްތީން ރައްޔިތުންގެ އިހުސާސްތައް ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.
ރައީސް މި މޭރުމުން ޓްވީޓް ކުރައްވާފައިވަނީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހާއި ގުޅިގެންނެވެ. މި ޓްވީޓްގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީން ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގަ މިލްކުވެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ތާއީދުކުރާނެކަމަށެވެ.
މީގެއިތުރުންވެސް، ބައިނަލްއަގްވާމީ މުޖުތަމައުން ފަލަސްތީން ރައްޔިތުންގެ އިހުސާސްތައް ބަލައިގަތުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ބިމަކީ އެމީހުންގެ ހައްގެއްކަން ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަންވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް އެންމެ ފުރަތަމަ ކަނޑައެޅުނީ 1977 ވަނަ އަހަރު ބޭއްވުނު އ.ދ ގެ ޖެނެރަލް އެސެމްބްލީގައެވެ. ނޮވެމްބަރު މަހުގެ 29 ވަނަ ދުވަސް ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އެއީ ފަލަސްތީން ބައިކުރުމުގެ ޕްލޭން 1947 ވަނަ އަހަރު އ.ދ ގެ ގަރާރަކުން ފާސްކުރި ދުވަސް ކަމަށްވާތީއެވެ.