ގައުމެއް ބިނާ ކުރުމުގެ އެންމެ މުހިއްމު ތަރަހައަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތްކަމަށް މޯލްޑިވިއަން ޑިމިކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ގައުމެއް ބިނާކޮށް ރައްޔިތުންގެ އާންމު ހާލަތު އެންމެ ރަނގަޅުވުމުގެ އެންމެ މުހިއްމު ތަރަހައަކީ އިންތިޒާމުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށެވެ. އަދި މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ ކަމަށް ރަައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ ޕާޓީގެ އެންމެހާ މެންބަރުނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
Qaumeh binaakoh, rahyatheh ge aanmu haalathu ragalhu vumuge enme muhinmu tharaha akee inthizaam vegen hingaa sulhaveri siyaasee harakaaiy. Mi nizaam ge Dhivehi muahsasaa akee MDP. Party enme membarunah ufaaveri aharee dhuvaheh pic.twitter.com/B9gBGLJtEv
— Mohamed Nasheed (@MohamedNasheed) June 26, 2021
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ހެނދުނު 6:00 ގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަަސްމިއްޔާތު ކުރިއަށްގެންދިޔައީ އޮންލައިންކޮށް، އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެންނެވެ.
ޖަރުމަންގައި ހުންނަވައިގެން ރައީސް ނަޝީދު ވެސް ވަނީ އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީން ވަނީ މިއަދުން ފެށިގެން ޖުލައި 24 ގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އެމްޑީޕީގެ މައި ހަރު ގޭގައި ބޭއްވި ދިދަ ނެގުމުގެ ހަރަކާތުން އަހަރީ ދުވަސް ފާހަގަ ކުރަން ފަށާފައިވާއިރު، ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އަހަރީ ދުވަހާއި ގުޅިގެން ޝުއޫރު ފާޅުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކްލަބް ހައުސްގައި 'އެމްޑީޕީ ހަރުގެ' ލޯންޗު ކުރުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ މީގެ 16 އަހަރުކުރިން 26 ޖޫން 2005 ވަނަ އަހަރު އެވެ.