ރިޕޯޓްސިޔާސީ

އެމްޑީޕީއަށް 16 އަހަރު: އެންމެ އުހުގައި، ދެން ފަހަތައް ގޮސްދާނެތަ؟

މީގެ 16 އަހަރުކުރިން މަދު ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު އެމްޑީން ފެންނަނީ ކާމިޔާބުކޮށެވެ. މިއީ އެމްޑީޕީގެ އާއްމު މެމްބަރުން ގޮވައިގެން ރެއާ ދުވާލު ކުރި އިހްތިޖާޖުތަކާއި އުފުލި އަޑުތަކުގެ ނަތީޖާއެވެ.

މިހާރު ދައުލަތުގެ ތިން ބާރުގެ ވެރިކަން އޮތީ އެމްޑީޕީގެ އަތްމަތީގައި އެވެ. ނަމަވެސް ސުވާލަކީ މި ބާރުތައް ލިބުުނު ދުވަހު ޕާޓީ ކަންކަން ދަނީ ރަނގަޅަށްތޯ އެވެ. މި ގޮތުގައި ހިފަހައްޓާލެވިދާނެތޯ ކުރެވޭ ސުވާލުތަކެވެ.

އެމްޑީޕީން މިއަދު ބާރުގައި އޮތަސް ޕާޓީގެ ތެރޭގައި މި ވަގުތަކީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ. ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ޕާޓީ އޮތީ އެ ހިތާމައިގެ މަޑުމޮޅިކަމުގައި އެވެ. ބައެއް ފަހަރު ޕާޓީ ދެފަޅިވެ، ނިމޭހެންވެސް ހީވާކަހަލަ އެވެ. ދުވަހަކުު ނެތް މިންވަރަށް، ނުވަތަ އާންމުންނަށް ދުވަހަކު ރޭކާނުލާ މިންވަރަށް ޕާޓީތެރޭގައި ހުޅުގަނޑު އޮތީ ރޯވެފަ އެވެ.

އެ ޕާޓީން އަހަރީ ދުވަހާ ދިމާކޮށް ނެރުނު ނޫސްބަޔާނުގައި ރައީސް ނަޝީދަށް ދިން  ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ އިތުރުން، އެމްޑީޕީގެ ފިކުރަށާއި، އެ ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި، ނުގުޑާ އަޒުމަށާއި، ހިތްވަރަށް ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމްޑީޕީން ބުނީ، އެ ޕާޓީގެ އަޒުމާއި، ހިތްވަރާއި، ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެކު،  ޕާޓީގެ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭންގައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މިސްރާބަކަށް އަދި ދުވެއްޔަކަށްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ޗެއާޕާސަންގެ އުއްމީދަކީ އެމްޑީޕީގެ ކާމިޔާބީ އެ ގޮތުގައި ހިފެއްޓުމެވެ. އަދި ޕާޓީން ގަބޫލު ކުރާ ގޮތުގައި ޕާޓީގެ ކާމިޔާބީއާއެކު ޕާޓީގެ ހަރަކާތްތައް ވެސް މަދެއް ނޫނެވެ.

"މި އޮޑީގެ މިސްރާބު އަދި ދުވެއްޔަށް ބަދަލެއް ނާންނާނެ،" އަހަރީ ދުވަހުގެ މެސެޖުގައި ހަސަން ލަތީފު ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި މަޖިލިސް އިންތިހާބުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ބަޔަކީ އެމްޑީޕީ އެވެ. އެ ޕާޓީއަށް ލިބުނު ބޮޑު މެޖޯރިޓީއާއެކު މަޖިލީހުން ގެންދަނީ ގިނަ ބިލްތަކެއް އެ ޕާޓީން ބޭނުންވާ ގޮތައް ފާސްކުރަމުންނެވެ.

އެ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ގަބޫލު ކުރައްވާގޮތުގައި ޕާޓީގެ ހިންގުން ހުރީ ރަނގަޅަށެވެ. އާއްމު މެމްބަރުންވެސް ޕާޓީއާ މެދު ދެކޭ ގޮތް ވެސް ރަނގަޅެވެ.

މި ދަނޑިވަޅުގައި އަދި ކޮވިޑްވެސް އޮތް ވަގުތަކަށްވާތީ އެއްވެގެން ކުރާ ކަންކަން ކުރުމަށް ދަތިވާނެ. އެހެން ނަމަވެސް ޕާޓީ ލޮނުމަޑު ކަމަކަށް ގަބޫލެއްް ނުކުރަން. ޕާޓީގެ އާއްމު މެމްބަރުންނާއި އޮންނަ ގުޅުންވެސް ވަކި ކުޑަ އެއްނޫން ޕާޓީ ވެރިކަމުގައި އޮތުމަކުންނޭ ކިޔާފައި.

އެހެން ނަމަވެސް އާޒިމް ވިދާޅުވީ ޕާޓީން ވެރިކަމަށް އައުމުން އާއްމު ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ކަންތައްތައް ނުކޮށްދެވޭ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެކަމަކުން ޕާޓީއަށް އޮތް ސަޕޯޓާއި އެމްޑީޕީއަށް އޮތް އިތުބާރު އާއްމު މެމްބަރުންގެ ކިބައިން ކުޑަވެގެން ނުދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު

އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވީ ޕާޓީގެ ހިންގުން ހުރީ ރަނގަޅަށް ކަމަށެވެ.

އިދިކޮޅު ޕާޓީގައި އޮތްއިރު ހައްގުތައް ނިގުޅައިގަނެގެން ނިކުމެ އުޅޭއިރާ ތަފާތުވާނެ އެވެ. މިއަދުވެސް އެފަދަ ގޮތެއް ދިމާވެއްޖެ ނަމަ ޕާޓީ ނިކުންނާނެ އެންމެ ކުރީގައި. އޭރުން އަޅުގަނޑުމެން ތިބޭނެ ހަަމަ ކުރިއެކޭ އެއްގޮތައް.

އެމްޑީޕީން އޮތީ މިހާރު އޮތް ބާރުތައް އެގޮތުގައި ހިފެހެއްޓުމުގެ އަޒުމުގައި އެވެ. އެހެން ނަމަވެސް އެކަން ކުރާން އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުން ކޮންމެވެސް އެ މަގާމެއް ދޫކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރާ އާއްމު ބައެއް މެމްބަރުންވެސް އެބަ ތިބި އެވެ.

އެމީހުން ދެކޭ ގޮތުގައި އޭރުން މިހާރަށް ވުރެ ބޮޑަށް ފާޓީއަށް ލީޑަރޝިޕްގެ ބޭފުޅުނަށް ވަގުތު ދެއްވޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެެވެ.

އއ. އުކުޅަހުގައި 2018 ވަނަ އަހަރު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުން

އެމްޑީޕީން ވެރިކަން ދަމަހައްޓަން ބޭނުން ނަމަ ޕާޓީގެ އެތެރޭގެ ކޯޅުގަނޑަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ބައެއް މެމްބަރުން ދަނީ ބުނަމުންެވެ. ޕާޓީ ތެރޭގައި އެއްބަޔަކު ގަބޫލު ކުރަނީ އެމްޑީޕީގެ ތެރެއިން ބައެއް މީހުން ސަރުކާރު ހިންގަން ހުރަސް އަޅާ ކަމަށެވެ. އަނެއްކޮޅުން ސަރުކާރުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ނިކަމެތިވާ ގޮތައް ކަންތައް ކުރާ ކަމަށްވެސް ތުހްމަތުކުރެ އެވެ.

މީގެ ސަބަބުން އޭގެ ސަބަބުން ސަރުކާރުން ކުރާ ރަނގަޅުކަންކަން ރައްޔިތުންނަށް ފެނުމުގެ ބަދަލުގައި އާއްމު މެމްބަރުންގެ ހިތްތަކުގައި އުފެދެނީ ހިތްނުތަނަވަސްކަމެވެ.

"ރައީސުލް ޖުމްހޫރިއްޔާކަމުގައި މި ހުންނެވީ އެމްޑީޕީގެ ބޭފުޅެއް. އެކަމު އަޑު މި އިވެނީ ރައްޔިތުންގެ މަޖިލީހުންވެސް ސަރުކާރު ހިންގަން ދަތިކުރާ ވާހަކަ. އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުން ނުފެނޭ ސަރުކާރު ޕްރޮމޯޓްކުރަން އެވަރަށް މަސައްކަތްކުރާތަނެއް،" ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ ބޭފުޅަކު ވިދާޅުވި އެވެ.

24 އޭޕްރީލް 2021 - އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ގޮތްތަކެއް ނިންމުމަށް ބޭއްވި ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މުންޝިދް / އެމްޑީޕީ

ޕާޓީ ތެރޭގައި ހިތްހަމަނުޖެހުންތައް ހުއްޓަސް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުގައި ތިބި ބޭފުޅުން ގެންދަނީ އެމްޑީޕީން ވީ ވައުދުތައް ފުއްދަމުން މަސައްކަތްކުރައްވަމުންވެ. އެހެންވެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ މަސައްކަތްތަކަށްބަލައި އެމްޑީޕީން ވެރިކަން ދެމެހެއްޓޭނެ ކަމަށް ގަބޫލުކުރާ މެމްބަރުން ވެސް ގިނަ އެވެ. އަދި އެހެންމެ ކޯލިޝަން ސަރުކާރެއް ކޮންމެ ގޮތަކަށް މިހާރު ދިޔަ ނަމަވެސް ޕާޓީން ކުރާ މަސައްކަތުން އާއްމު މެމްބަރުންގެ ތާއީދާ ދެމެހެއްޓޭނެ ކަމަށް ބައެއްް މީހުން ދެކެ އެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %