އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ހުށަހަޅާފައިވާ ރިޕޯޓަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ތާއީދުކޮށްފިއެވެ. 

ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަކީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. މިއީ ޓެކްސްގެ ގޮތުގައި ލިބޭ 9.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭ 5.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 2.2 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

އެހެންނަމަވެސް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ކޮމިޓީ މަރުހަލާގައިވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހާޒިރުކޮށް ބަޖެޓާއި މެދު ސުވާލުކޮށްފައިވެއެވެ. އަދި، އެ މުއައްސަސާތަކުން ހިންގާނެ މަޝްރޫއުތައް އިތުރުކޮށް ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. މީގެއިތުރުން، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާވަނީ އިތުރުކޮށްދީފައެވެ. އެގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް އީސީއަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދީފައިވެއެވެ.

ބަޖެޓަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ދައުލަތުގެ އާމްދަނީ 17.8 ބިލިއަނުން 21.28 ބިލިއަނަށް އިތުރުކުރުމެވެ. މިއީ ދައުލަތަށް ޓެކްސްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުންވެސް ލިބޭނެ ފައިސާތައް އަންދާޒާކޮށްފައިވާ ވަރަށްވުރެ އިތުރުވާނޭކަމަށް ކޮމިޓީއަށް ފެންނާތީ ގެނެވުނު ބަދަލެކެވެ. އެގޮތުން، ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ، އެއާޕޯޓް ސަރވިސް ޗާޖް 218 މިލިއަން ރުފިޔާ، ގްރީން ޓެކްސް 253 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލަޕްމެންޓް ޗާޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ އާމްދަނީ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިިބޭނެކަމަށް ކޮމިޓީއިން ވަނީ އަންދާޒާކޮށްފައެވެ.

މީގެއިތުރުން، ބަޖެޓުގެ ޑެފިސިޓްވެސް 15.5 ބިލިއަން ރުފިޔާއިން 12.3 ބިލިއަން ރުފިޔާއަށް ކޮމިޓީ މަރުހަލާގައިވަނީ ކުޑަކޮށްފައެވެ. ޖުމްލަ ބަޖެޓު ކޮމިޓީއިން ފާސްކުރި އިރު 200 މިލިއަން ރުފިޔާ ބޮޑެވެ. އެއީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީއިން ހުށަހަޅާފައިވާ ބަޖެޓު ރިޕޯޓަށް ވާހަކަ ދެއްކެވި ގިނަ މެންބަރުންތަކެއް ވަނީ އެ ބަޖެޓަށް ތާއީދުކުރާކަމަށް ބުނެފައެވެ. އެގޮތުން، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވެފައިވާއިރުވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ސަރުކާރަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މި ހާލަތުގައި ޑެފިސިޓް ބަޖެޓެއް ހުށަހެޅުމަކުން މައްސަލައެއް ނެތެވެ. އެގޮތުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ކޮންމެ ގައުމަކުންވެސް ހުށަހަޅާނީ ޑެފިސިޓް ބަޖެޓެއްކަމަށެވެ. 

ކޮމިޓީއިން ފާސްކޮށްފައިވާ ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށްވެސް ލިބެނީ 7 މިނިޓްގެ ވަގުތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.