އައްޑޫ ސީޓީގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: ޒަވިޔަނި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ ސިޓީގެ ރަށްތަކަށް އަޅާފައިވާ ފިޔަވަޅު ތެރެއިން ސ. ހިތަދޫ ފިޔަވައި، އެހެން ރަށްތަކަށް އެޅި ފިޔަވަޅުތަކަށް ލުއި ދޭން ނިންމުމުން، އައްޑޫ ސިޓީ ކައުންސިލުން އެ ރަށްތަކަށް ލުއިތައް ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެޗްޕީއޭގެ އެންގުމުގެ މަތިން ލުއި ދޭން ނިންމާފައިވަނީ ސ.މަރަދޫ، ސ.މަރަދޫ ފޭދޫ އަދި ސ.ފޭދޫއަށް ކަމަށާއި، އެގޮތުން އެ ރަށްތަކުގައި މަގުމައްޗާއި، އާންމު ތަންތަނަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ ފިޔަވަޅައި އެހެން ރަށްތަކަށް ދީފައިވާ މި ލުއިތަކާއެކުވެސް، އެ ރަށްތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ދަންމާލަން އެ އިދާރާއިން ނިންމާފައިވާ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މީގެއިތުރުން އެޗްޕީއޭއިން ވަނީ ސ.ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްވެސް ލުއިތަކެއް ދޭން ނިންމާފައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އެޗްޕީއޭއިން ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ.ފޭދޫއަށް ދިން ލުއިތަކާއި، ދަންމާލަން ނިންމި ފިޔަވަޅުތައް:
 1. ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން. މިގޮތުން ޖަމާޢަތްތަކުގައި ނަމާދު ނުކުރެވުނު ކަމުގައި ވީނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާނެ.
 2. ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
 3. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
 4. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
 5. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
 6. އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ޚިދުމަތްދިނުން.
 7. ހުރިހާ ކުޅިވަރު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
 8. ފިހާރަތައް ހުޅުވައިގެން ހެނދުނު 06:00 އިން ރޭގަނޑު 06:00 ޚިދުމަތްދިނުމާއި، އަދި ރޭނގަނޑު 10:00 އަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދިނުން. އަދި،ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
 9. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
 10. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. ނަމަވެސް މިފަދަ  ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދެވޭނެ.
 11. އެ އަވަށެއްގެ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.
އެޗްޕީއޭއިން ސ. ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދަންމާލަން ނިންމި ފިޔަވަޅުތަކާއި، ދިން ލުއިތައް:
 1.  ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަދިނުން.
 2. ހަވީރު 04:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކާފިއު ވަގުތު ދެމެހެއްޓުން.
 3. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދިނުން. ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަންވާނީ  ހުއްދަ ހޯދައިގެން.
 4. ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުން.
 5. މިސްކިތްތަކުގައި ނަމާދުކުރުން  ހުއްޓާލުން.
 6.  ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުން އަންނަ ނިސްބަތް އިތުރުވުމަށްފަހު، ދަށްވާން ފަށާފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ސިޓީން ނެގި 233 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ ފަރާތެކެވެ.

ޖުމްލަ އައްޑޫ ސިޓީން 451 ކޮވިޑް ކޭސް ފެނިފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު 132 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ބަލީގައި މިހާތަނަށް 2 މީހަކު ވަނީ އެ ސިޓީން މަރުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުން އަމަލުކުރަން އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ. އެ އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.