މޯލިޑްވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު ޑިސެމްބަރު 5 ވާ ހޮނިހިރު ދުވަހު ބައު ޖަމާލުއްދީންގައި ބޭއްވުމަށް މިނިސްޓްރީީ އޮފް ހޯމް އެފެއާޒްއިން ނިންމައިފިއެވެ. 

އެ މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ޑިސެމްބަރު 11 ވަނަ ދުވަހަށް ހަމަވާތީ އަލުން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ ހޮނިހިރު ދުވަހު 11:00 އިން 12:00 އަށް ބައު ޖަމާލުއްދީން ސްކޫލްގައި އޮންނާނެއެވެ.

އެމްއެމްސީ އިންތިހާބުގައި ވޯޓު ލެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކޮމްގައި ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކަށެވެ. މިގޮތުން، އެމްއެމްސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ހޯމް މިިނިސްޓްރީއިން ވަނީ އާންމުކޮށްފައެވެ. 

އެ ލިސްޓުގައިވާގޮތުން އެމްއެމްސީ އިންތިހާބުގައި ވޯޓު ލުމަށް 200 މީޑިއާއަކުން ރަޖިސްޓްރީކޮށްފައިވެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 00:00 އަށް ހުޅުވާލެވިފައިވާކަމަށްވެސް ހޯމް މިނިސްޓްރީއިންވަނީ ބުނެފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ތިބެނީ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަމްސީލްކުރާ 8 މެންބަރުންނާއި އާންމު 7 މެންބަރުންނެވެ. އާންމު 7 މެންބަރުންނަކީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. މީޑިއާ ތަމްސީލްކުރާ 8 ގޮޑިއަކީ މީޑިއާތަކުން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ހޮވޭ 8 މެންބަރެކެވެ.

އެމްއެމްސީގެ މެންބަރުކަމުގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.