މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފި އެވެ.
ހެނދުނު 6:00 ގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަަސްމިއްޔާތު ކުރިއަށްގެންދިޔައީ އޮންލައިންކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެންނެވެ.
މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވއެވެ. މާލޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ބައެއް ޤައުމީ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީގެ ބައެއް އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ.
އެ ރަސްމިޔާތުގައި ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ތިން ސިޓީގެ މޭޔަރުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރާއި، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުން ރަސްމިއްޔާތުގައި ވާހަކަދައްކަވާފައިވެއެވެ.
އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ މީގެ 16 އަހަރުކުރިން 26 ޖޫން 2005 ވަނަ އަހަރު އެވެ.