ކުޑަކުދިން ހިމާޔަތް ކުރަން ހެދި ގާނޫނުން ކަރަށް މަޅި؟

ކުޑަކުދިންތަކެއް -- ގްރެފިކްސް: އިސާމް/ޖަޒީރާ

ދުނިޔެއަކީ ފާޑެއްގެ އެއްޗެކޭ ބުނާ އަޑު އިވެއެވެ. ދުނިޔެމަތީގައި ކުރާ ކަންކަމުގެ ނަތީޖާ ވެސް އެކި ފަހަރު ފެންނަނީ އެކި ގޮތަށެވެ. ހެޔޮ ހިތުން ރަނގަޅު ނިޔަތެއްގައި ކުރާ ކަމަކުން ވެސް ހިތި ނަތީޖާއެއް ފެނިދާނެއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދި ގާނޫނަށް ވެސް މިވަނީ މިކަހަލަ ގޮތެކެވެ. ގާނޫނު ގޯހީކީ ނޫނެވެ. ގާނޫނު އެކުލަވާލާފައިވާ ގޮތަކުން އޭގެ މަޅި އެ ކުދިންގެ ކަރަށް މެހި، މުސްތަގުބަލު ހަލާކުވެ ދާނެ ފުރުސަތެއް އޮތަތީއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ކިތަންމެ ބޮޑު ކުށެއް ސާބިތުވި ނަމަވެސް، އަދަބު އޮންނަނީ ލުއި ކޮށެވެ. އެގޮތުން، އުމުރުން 18 އަހަރު ވުމުގެ ކުރިން، ކުރާ ކިތަންމެ ބޮޑު ކުށަކަށް ވެސް މަރުގެ އަދަބު ދިނުން އޮންނަނީ މަނާ ކޮށްފައެވެ. އަދި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއްކޮށްފި ނަމަ، އެ ކުއްޖާއަށް ދޭން ޖެހެނީ، އެ ކުށަކަށް ދެން ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑުނުވާ އަދަބެކެވެ.

ގާނޫނުގައި މިހެން ކަނޑައަޅާފައި އޮންނަނީ، ކުޑަކުއްޖަކީ ކުށް ކުރުމަށް ތަސައްރަފު ފުދިގެން ނުވާ ކުއްޖެއް ކަމަށް ބަލައެވެ. ތަސައްރަފު ނުފުދެނީސް އަރައިގަނެވޭ ކުށެއްގެ ސަބަބުން އެ ކުއްޖާގެ މުސްތަގުބަލު ހަލާކުވެ ހިނގާދާނެތީއެވެ. އެކަމަށް ބާރު ދިނުމުގެ ގޮތުން ކުޑަކުދިން ހިމެނޭ މައްސަލައެއްގައި، ކުއްޖާގެ ކަރާމާތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ، އެކަމުގެ ސަބަބުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ވެސް މި ގާނޫނުގެ މާއްދާއެއްގައި ކަނޑައަޅާފައި ވެއެވެ. ހަމައެއާއެކު، އުމުރުން 18 އަހަރު ނުވަނީސް ކުށެއް ކޮށްފައިވާ ކުއްޖެއް ނަމަވެސް، އެ ކުއްޖާއަށް 18 އަހަރު ވުމުން ވެސް، އެ ކުށަކާ ގުޅުވައި، ކުއްޖާގެ މައުލޫމާތެއް އާންމު ކުރުން އޮންނަނީ މަނާ ކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާ -- ގްރެފިކްސް: އިސާމް/ޖަޒީރާ

ގާނޫނަކުން މިހެން ކަނޑައަޅަން ޖެހުނީ މި މުޖުތަމައުގައި ކަން ހިނގާ ގޮތުންނެވެ. ކުށެއްގެ ތުހުމަތު ކުރެވޭ ހިސާބުން މީހާ ލޭބަލްކޮށް، މުޖުތަމައުގެ ނަޒަރުގައި އަގުވައްޓާލަނީއެވެ. އެ ކުށެއް އޭނާގެ މައްޗަށް ސާބިތު ވިޔަސް ނުވިޔަސް، އެ ލޭބަލް އަކީ އޭނާގެ ނިތްކުރީގައި ޖަހާފައިވާ ޓެޓޫއެއްހެން މުޅި އުމުރަށް ހުންނަ އެއްޗެކެވެ. މަގަކުން ހިނގިއަސް އެކަމުގެ މަތިން ހަނދާން ކޮށްދޭން އަބަދުވެސް ބަޔަކު ތިބެއެވެ. ސޯޝަލްމީޑިއާ ޕްލެޓްފޯމެއްގައި ޕޯސްޓެއް ޖަހާލިއަސް، އެކަމެއްގެ މަތިން ހަނދާން ކޮށްދީ، ކޮމެންޓް ކުރާނެ މީހުން ތިބެއެވެ. އަދި ކިއެއް، އެވާހަކަ ނޭނގޭ މީހެއް ހުރިނަމަ، އެ ވާހަކަ ކިޔައިދީ ހަބަރު ފަތުރަން ވެސް މީހުން ތިބެއެވެ.

މުޖުތަމައުގެ ހާލަތު މިހެން އޮތްއިރު، ކުޑައިރު ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެއީ އެ ކުއްޖެއްގެ ދިރިއުޅުން މުޅިންހެން ވެއްޔާ މޮޑެލާނެ ކަމެކެވެ. އެތަކެއް ގާނޫނުތަކަކާއި ގަވާއިދުތަކެއް ހަދާފައި މިއޮތީ އެކަމުން ކުޑަކުދިން ރައްކާތެރިކުރުމަށެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ފެންނަނީ ކުޑަކުދިން ކުށްތަކަށް އަރައިގަންނަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރެވެ. ގޭންގުތަކާ ގުޅޭ ކުޑަކުދިން އިތުރުވަމުންދާ މަންޒަރެވެ. ކުށްތަކުގައި ކުޑަކުދިން ހައްޔަރުކުރާ މިންވަރު އިތުރުވަމުންދާ މަންޒަރެވެ.

ބުލީކުރުން / ލޭބަލް ކުރުން ރަމްޒު ކޮށްދޭ ފޮޓޯއެއް -- ގްރެފިކްސް: އިސާމް/ޖަޒީރާ

މާލޭގެ މަގުމައްޗަށް ބަލާލަމާތޯއެވެ. ކަންކަންމަތީގައި ގްރޫޕު ހަދައިގެން ދުންފަތުގެ އިސްތިއުމާލު ކުރަން ތިބޭ ކުޑަކުދިންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެއެވެ. ސޯޝަލްމީޑިއާއަށް ބަލާލަމާތޯއެވެ. އުމުރާ ނުގުޅޭ ކޮންމެވެސް ކަމެއްގައި ކުޑަކުއްޖަކު ޝާމިލުވެ އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ދަނީ އިތުރުވަމުންނެވެ. ހަބަރުތަކަށް ބަލާލަމާތޯއެވެ. ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވެއްޖެއެވެ.

މިދައްކަނީ މި ގައުމުގެ މުސްތަގުބަލުގެ ވާހަކައެވެ. ތުއްތު ތުއްތު ދަރިންގެ ވާހަކައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން، ސިނގިރޭޓް ބުއިން ނުވަތަ ވޭޕް ބުއިން މިވަނީ "ކޫލް" ކަމަކަށް ވެފައެވެ. މަސްތުވާތަކެތި ބޭނުން ކުރުން މިވަނީ "ސަޅި" ކަމަކަށް ވެފައެވެ. މަގުމަތިން ފެންނަ މީހަކާ ރައްޓެހިކަން އުފައްދައި، އޭނާއާއެކު ކޮފީއަކަށް ގޮސްލުން މާ ހިތްގައިމު ވަނީއެވެ. މައިންބަފައިންނާއި، އަޅާލާނެ ބަޔަކު ނެތް ކުދިންނަށް ވަންނާނެތަނަކާއި، ކާނެ އެއްޗެއް ދޭނެ ރަނގަޅު ރައްޓެހިން މަގުމަތިން ލިބެނީއެވެ.

ނަމަވެސް ނޭނގޭ ކަމަކީ މިއީއެވެ. ތަސައްރަފު ނުފުދޭ އެ ކުޑަކުޑަކުދިންގެ ބޯ ކާލާނެ ބަޔަކު މި މުޖުތަމައުތެރޭގައި އުޅޭ ކަމެވެ. ތިމާގެ ގަދަކަން ދައްކާ، ގާނޫނު މުގުރާލުމަކީ ސަޅި ކަމެއް ކަމަށް އެ ކުދިންނަށް ބުނެދޭނެ ބަޔަކު އުޅޭ ކަމެވެ. އުމުރު ހަމަނުވާތީ، ގާނޫނުން ދީފައިވާ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ އެ ކުދިންނަށް ކުށްތަކަށް އަރައިގަންނަން ހިތްވަރު ދޭނެ ބަޔަކު އުޅޭ ކަމެވެ. ބުޅާ ރޯމަހަށް ބަލާހެން، ބޯކާލާނެ ކުއްޖަކު ފެނޭތޯ ބަލަބަލާ ތިބި ބަޔަކުވެސް މި މުޖުތަމައު ތެރޭގައި އެބަ އުޅެއެވެ.

 

ކުޑަކުއްޖަކަށް ވަސްވާސްދޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް -- ގްރެފިކްސް: އިސާމް/ޖަޒީރާ

ވައްކަމާއި ފޭރުމުން ފަށައިގެން ގޮސް މާރާމާރި ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުން އަދި މީހުން މެރުމާ ހަމައަށް ވެސް މި މައްސަލަ މިވަނީ ގޮސްފައެވެ. ގާނޫނުން ދޭ ރައްކާތެރިކަމުގެ ނިވަލުގައި ކުޑަކުދިން ކުށްތަކަށް އަރައިގަންނަން އެ ކުދިންނަށް ހިތްވަރު ލިބޭ ހިސާބުން ގާނޫނުގެ ސަބަބުން އެ ކުދިންގެ ކަރަށް އެއޮތީ މަޅި ހެރިފައެވެ. ލިބޭ މެސެޖަކީ، އޭނާ ކޮންމެ ކަމެއް ކުރިއަސް ވެސް އޭނާއަކީ ކުށް ކުރުމަށް ތަސައްރަފު ނުފުދޭ ކުއްޖެއް ކަމަށް ބުނެ، އަދަބު ލުއިވާނެ ކަމެވެ. އެއް ފަހަރު ކުށެއް ކޮށްފި ނަމަ، ދެވަނަ ފަހަރަށް ވެސް އެކަން ކުރުމުގެ ހިތްވަރު ލިބިދެއެވެ. ކުރިން ކުރި ކުށަށް ވުރެ ބޮޑު ކުށެކެވެ.

ކުޑަކުދިން ރައްކާތެރިކުރުމަށް ކިތަންމެ ގާނޫނެއް ހަދާ، އެ ގާނޫނުގެ ދަށުން ކުދިން ރައްކާތެރިކުރުމުގެ ޒިންމާ އެތައް ބައެއްގެ ބޮލުގައި އެޅުވި ނަމަވެސް އެނގެންވީ ކަމަކީ މިއީއެވެ. ގޭތެރޭގައި ކުދިންނަށް ރައްކާތެރިކަން ނުލިބިއްޖެއްޔާމު ދެން އެހެންތަނަކުން އެ ރައްކާތެރިކަން ނުލިބޭނެ ކަމެވެ. ގޭތެރެއިން ނުލިބޭ ރައްކަލެއް ވަކި ގާނޫނަކުން ވެސް ނުލިބޭނެއެވެ.

0
0
0
0
1

ކޮމެންޓް

Your email address will not be published.

0 %