މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާޙިދު، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާއި އިއްޔެ ހަވީރު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 އާއި ބެހޭ ގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމާ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާއިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭ ހިމެނޭކަން ފާހަގަކުރައްވާ އެކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމެރިކާއަކީ ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ވަރުގަދަކޮށް އަދި ކުރިޔަށް އޮތް މުސްތަގުބަލުގައި ދެގައުމުގެ ދެމެދުގައި ޑިމޮކްރެޓިކް ގަވަނެންސާއި، ޕަބްލިކް ފައިނޭންސް މެނޭޖްމެންޓުގެ އިތުރުން ދުނިޔެ ހޫނުވުމުގެ މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުންތައް އެޖެންޑާކުރެވި ކުރިއެރުން ހޯދުމުގައި މަސައްކަތްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރ އަދި ޕީޕީއީ ހަދިޔާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.