Maumoon
ރައީސް މައުމޫން -- ޖަޒީރާ ފޮޓޯ: އަހްމަދު ޝުރާއު

އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ވިދާޅުވީ އިސްލާމް ދީނުގައި ހިތާން ކުރުން ޝަރްއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެންކުދިން ހިތާން ކުރުމެއް ނޯންނަ ކަމަށެވެ. އަދި ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަންހެން ކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ، އެކަމާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށެވެ. ހޫނުކޮށް މިވާހަކަ ދައްކަން ފަށާފައި މިވަނީ އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފާތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނުމާ ގުޅިގެންނެވެ.

އަންހެންކުދިން ހިތާނު ކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، މިއީ ދީނީ ކަމެއް ކަމަށް ދޭހަވާ މޭރުމުން ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ބަސް ވިދާޅުވެފައެވެ.

އަންހެން ކުދިން ހިތާނު ކުރުމަކީ ރާއްޖޭގައި ވެސް ކުރިން ކޮށް އުޅުނު ކަމެކެވެ. އެގޮތުން ޔުނިސެފުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 10 އަންހެނަކުން އެކަކު ހިތާނު ކޮށްފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.