އީރާންގެ އެންމެ އިސް ނިއުކްލިއަރ ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލީ އިޒްރާއީލުން ކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ.
ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ އީރާންގެ ސިއްރު ނިއުކްލިއަރ ޕްރޮގްރާމްގެ އެންމެ އިސް މީހުންގެ ތެރޭގައި މުހްސިން ފަޚްރިޒާދާ ހިނޭއިރު އޭނާ އަވަހާރަކޮށްލާފައިވަނީ އިޒްރާއީލުން ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވަނީ ތުހުމަތު ކުރައްވާފައެވެ. މުހްސިން ފަޚްރިޒާދާ ޝަހީދުވި ނަމަވެސް އެގައުމުން ހޯދާ ކާމިޔާބީތައް ނުހުއްޓުވޭނެ ކަމަށާއި މިކަމުން ވެސް ހާމަކޮށްދެނީ އެގައުމުގެ ދުޝްމަނުންގެ މެދުގައި އެގައުމާ މެދު އޮތް ނަފްރަތާއި ރުޅިވެރިކަން ކަމަށް ވެސް ރޫހާނީ ވިދާޅުވިއެވެ.
އީރާންގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މުހްސިން ފަޚްރިޒާދާ އަވާހަރަކޮށްލާފައިވަނީ ތެހެރާންގެ އިރުމަތީ ސަރަހައްދެއްގައި އޭނާ ކާރުގައި އިންނަވަނިކޮށް ދިން ބަޑީގެ ހަމަލާއަކުންނެވެ. އޭނާ އަވަހާރަވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އީރާންގެ ދީނީ އަދި އަސްކަރީ ލީޑަރުން ވަނީ މި ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައެވެ.
އެގޮތުން އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނައީ ވަނީ މުހްސިން ފަޚްރިޒާދާގެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައެވެ.
އުމުރުން 63 އަހަރުގައި މުހްސިން ފަޚްރިޒާދާ އަވަހާރަވިއިރު އޭނާއަކީ އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ މެމްބަރެކެވެ. އަދި މިސައިލް އުފެއްދުމެގެ މާހިރެކެވެ. އަވަހާރަވިއިރު އޭނާއަކީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އޯގަނައިޒޭޝަން ފޯރ ޑިފެންސިވް އިނޮވޭޝަން އެންޑް ރިސަރޗްގެ އެންމެ އިސްވެރިޔާއެވެ.