ކޮވިޑް-19 އިން ރައްކާތެރިވުމަށް ރިސޯޓް މުވައްޒަފަކު ވެކްސިން ޖަހަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރިސޯޓުަތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ޖުމްލަ 94 އިންސައްތަ މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެވަނަ ޑޯޒް ޖަހާފައިވަނީ 70 އިންސައްތަ މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް  ރިސޯޓުތަކުގައި މަސައްކަތް ކުރާ 184،865 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ. އެއީ ރިސޯޓުތަކުގައި މަސައްކަތް ކުރާ 70 އިންސައްތަ މުވައްޒަފުންނެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 315،620 މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އެއީ ރިސޯޓް މުވައްޒަފުންގެ ނިސްބަތުން ބަލާނަމަ، 96 އިންސައްތަ މުވައްޒަފުންނެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ވަނީ ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ހެދުމަށް ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

"އައި އެމް ވެކްސިނޭޓެޑް" ކެމްޕޭނުގެ ނަމުން ނަން ދެވިފައިވާ މި ކެމްޕޭނުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމުން ބެޖެއް ދޭއިރު، މި ބެޖުން ޓޫރިސްޓުންނަށް އަންގައިދެނީ އެ މުވައްޒަފަކީ ކޮވިޑް-19ގެ ދިފާއުގައި މިވަގުތު އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން ހުރި މުވައްޒަފެއް ކަމެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން މި އަހަރުގެ ފެބްރުއަރީ މަހު ފެށިއިރު، މާ ގިނަ ދުވަސްތަކެއް ނުވެ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ވަނީ ފަށާފައެވެ. އެގޮތުން އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމުތަކެއް ހަމަޖައްސައި، އެކަމަށް ހާއްސަ ޕްރޮގްރާމެއްވެސް ޓޫރިޒަމުން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.