މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިންޑަސްޓްރިއަލް ޒޯނުގެ ބްލޮކް ނަންބަރު 4،5،6،9 ޗާޓުގައި މާކްކޮށްފައިވަ ތަންތަނުގައި ބައެއް ފަރާތްތައްކުން ތަކެއްޗާއި ވެހިކަލްތައް ބަހައްޓާފައިވާ ކަމަށެވެ. އެހެންކަމުން، އެތަކެތި މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ނަގައި، އެ ބްލޮކްތައް ހުސްކޮށް ދިނުމަށް އެ އިއުލާނުގައި އެދިފައި ވެއެވެ.
މީގެ ކުރިން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އިންޑަސްޓްރިއަލް ޒޯނުގައި ބަހައްޓާފައިވާ ވެހިކަލްތަކާއި ތަކެތި ނެގުމަށް އަންގާ އިއުލާން ކޮށްފައެވެ. އަދި އެގޮތަށް އިއުލާންކޮށް، ދޭ މުއްދަތު ފަހަނައަޅައި ދިއުމުން، އެތަނުގައި ތިބޭ ތަކެއްޗާއި ވެހިކަލްތައް އެ ކައުންސިލުން ނަގައެވެ. މިފަދައިން ނަގާ ތަކެއްޗާއި ވެހިކަލްތަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށް ވެސް އެ ކައުންސިލުން އާންމުކޮށް އަންގާ އިއުލާން ކުރެއެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ބަހައްޓާފައި ހުންނަ އިންޖީނު ނެތް އުޅަނދުތައް ވެސް މީގެ ކުރިން ނަގާ، ކުނީގެ ގޮތުގައި ނައްތާލާފައިވާ ކަން ފާހަގަ ކުރެވެއެވެ. އެ ތަނަކީ ދޭތެރެ ދޭތެރެއިން ސާފު ކުރާ ތަނެއް ކަމުގައި ވީ ނަމަވެސް، ކުނި އަޅާ، އެތަން ގޮނޑުކޮށްފައި އޮންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.