އެމްޑީޕީގެ މެއި ހައެއް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުން -- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ މެއި ހައެއް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށްފިއެވެ.

އެމްޑީޕީގެ "މޭހައެއް ކޮމިޓީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ކަންކަން ބަލަން އެ ޕާޓީން އުފައްދާފައިވާ ކޮމިޓީއެކެވެ. މަޖިލީހުގެ 241 ކޮމިޓީއިން ދަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުއަރީއެއް ހިންގަމުންނެވެ.

މޭ ހައެއް ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން މީގެ 5 ދުވަސް ކުރިން ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީ ޗެއާ ކުރައްވާ ހަސަން އަފީފު ވަނީ، ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާ ބައްދަލު ކުރަން ބޭނުންވާކަން އެ ފަރާތްތަކަށް ޕާޓީ މެދުވެރިކޮށް އަންގާފައިވާ ކަން ހާމަ ކުރައްވާފައެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މި ކޮމެޓީގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންނަވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގު އެވެ. އެހެން ނަމަވެސް އަފީފު ވިދާޅުވީ އެ ކޮމެޓީގައި ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމަނިކުފާނު ތަމްސީލް ކުރައްވަން ރާއްޖެއިން ބޭރުން ބޭފުޅަކު ގެންނަވާށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ކޮމަންވެލްތްގެ ގައުމަކުން އެފަދަ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ބޭފުޅަކު ގެނައުމަށް ކަމަށެވެ.

މިހާތަނަށް އެ ކޮމެޓީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން އަފީފު ވިދާޅުވީ އަދި މަސައްކަތްތައް ފަށައި ގަނެވުނީ ކަމަށާއި މިހާރު ވަނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ޓައިމްލައިން އެކުލަވާލާފައި ކަމަށެވެ.

ޕާލިމަންޓްރީ އިންކުއަރީއާ ބެހޭގޮތުން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އިންކުއެރީގެ މަސައްކަތަށް މިހާތަނަށް ޖުމްލަ 79 ބައްދަލުވުމެއް ބާއްވާފައިވާއިރު، ޖުމްލަ 147 ގަޑިއިރު މިހާތަނަށް ކޮމިޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި އިންކުއެރީގެ މަސައްކަތް ނިންމާލުމަށް ތާވަލް ކުރެވިފައިވަނީ އިއްޔެގެ ނިޔަލަށް ނަމަވެސް ކޮމިޓީގެ މަސައްކަތް ނިންމާލުމަށްޓަކައި އަދި ހަފްތާއެއްގެ މުއްދަތު ނަގާނެ ކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެކި ފަރާތްތަކާއި ބައްދަލުކޮށް ލިބުނު މައުލޫމާތު އެއްކޮށް، މިހާރު ކުރަމުންދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ރިޕޯޓަކަށް ވާނެ ކަމުގެ ޔަގީން ކަން އަސްލަމް ވަނީ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.