2016 ވަނަ އަހަރު ޖުލައި މަހުގެ 6 ވަނަ ދުވަހު ތުރުކީގައި ހިންގަން އުޅުނު ބަގާވަތާއި ގުޅިގެން 337 ޕައިލެޓުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މީގެ ހަތަރު އަހަރު ކުރިން ހިންގަން އުޅުނު ބަގާވަތާއި ގުޅިގެން 475 މީހުންނަށް ދައުވާ ކޮށްފައިވެއެވެ. އެމީހުންނަށް ތުހުމަތު ކޮށްފައިވަނީ އަންކާރާގެ އެއާބޭސްއެއް މެދުވެރިކޮށް އެރްދޮގާންގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށެވެ.
ބަގާވާތުގައި ބައިވެރިން ވަނީ ހަނގުރާމަ މަތީ ޕްލޭންތަކާއި ޓޭންކަރުތައް ބޭނުންކޮށްގެން ސަރުކާރުގެ ބާރު އެމީހުންގެ އަތް މައްޗަށް ނެގުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން އެ ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ބޮމުން ހަމަލާދީފައިވާއިރު ބެލެވޭ ގޮތުން އެމީހުންގެ އަމާޒަކަށްވީ އެރްދޮގާން އަވަހާރަކޮށްލުމެވެ. މި ބަގާވާތުގައި 250 މީހުން މަރުވިކަމަށް ބެލެވެއެވެ.
އެރްދޮގާންގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މިއީ އެމެރިކާގައި ދިރިއުޅެމުންދާ ޝޭހް ފަތުހުﷲ ގުލެން އަޑީގައި ހުންނަވައިގެން ކުރިއަށްދިޔަ ބަގާވާތެކެވެ. މި ބަގާވާތް ފެއިލްވުމާއެކު އެ ގައުމުގެ ސަރުކާރުންވަނީ ކުއްލި ހާލަތު އިއުލާންކޮށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި 292،000 މީހުން ހައްޔަރުކުރެވުނު ކަމަށް ބެލެވެއެވެ.