ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ޝާއިއުކުރި މައުލޫމާތުތަކަކާ ގުޅިގެން ވަގުތު ނޫހަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން، ޖެންޑާ މިނިސްޓްރީން އަވަސް ނޫސް ޖޫރިމަނާ ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބު، ފާތިމަތު ޔުމްނާ ސޮއި ކުރައްވާ، ސީއެފްޕީސީގެ ނަމުގައި ވަގުތު ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފް ހަސަން އަށް އަދި އަވަސް ނޫހުގެ ޗެއަރޕާސަން އަބްދުﷲ ޝިނާނަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނީ، 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައިވާކަމުގެ ހަބަރު އާންމުކޮށް ދައުރުކުރަމުންދާ މައުލޫމާތުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ މައުލޫމާތު ހާމަ ކޮށްފައިވާ ކަމަށެވެ.

އަވަސް ނޫސް ޖޫރިމަނާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއު 53 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގްެ މަތިން އަވަސް ނޫސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ.

ހަމައެއާއެކު އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައިފައިވެއެވެ. އަދި އެކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަވަސް ނޫހުން ކުރާނެ ކަންކަން ބަޔާންކުރުމަށް އަންގައި އެ އެންގުން އާންމުކޮށް ޝާއިއު ކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން އަވަސް ނޫހަށް އަންގާފައިވެއެވެ.

ޖެންޑާގެ ސިޓީތަކުގައި އިތުރަށް ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި، މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަން ހަނދާން ކޮށްދީފައެވެ. އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނޭކަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ގާނޫނުގެ 53 ވަނަ މާއްދާގައި، ކުޑަކުދިންގެ ހައގްުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި މިފަދައިން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް، ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގައި އާންމުކުރާނަމަ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދާސުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ގާނުނުގެ 53 ވަނަ މާއްދާގައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.