އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު  ބައްދަލުކުރައްވައިފިއެވެ. އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކުރިއަށް ދަނީ ނީޖަރ ގެ ވެރިރަށް ނިއާމޭގައެވެ.

އޯއައިސީގެ ހަވާސާގައި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައިވަނީ ތުރުކީވިލާތާއި، ސެނެގާލް، މޮރިޓޭނިއާ، އަދި ގޭމްބިއާގެ ޚާރިޖީ ވަޒީރުންނާއެވެ. އެގޮތުން، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި ޓަރކިޝް އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށް، އެކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ސަމިޓްގެ ހަވާސާގައި ސެނެގާލްގެ އާ ޚާރިޖީ ވަޒީރު އައިސަތާ ޓޯލް ސޯލްއަށް އާ ބައްދަލުކުރައްވައި، އެކަމަނާ އަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

އަދި މޮރިޓޭނިއާގެ ޚާރިޖީ ވަޒީރު އިސްމާއިލް އައުލްދް ޝެއިޚް އަޙްމަދު އާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތްނަމަވެސް ދެޤައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެޤައުމު ކަމަށެވެ.

ދަ ގެމްބިއާގެ ޚާރިޖީ ވަޒީރު މަމަދޯ ޓަންގަރާ އާ ބައްދަލުކުރައްވައި، މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ދިވެހިރާއްޖެއާއި ދަ ގެމްބިއާ ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެޤައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

އޯއައިސީގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސަޢޫދީ ޢަރަބިއްޔާގައި މަޑުކުރައްވާފައެވެ. އަދި ވެރިރަށް ރިޔާޟްގައި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ނީޖަރގެ ނިއާމޭއަށް ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.