ރިޕޯޓްސިޔާސީ

އަލީ ވަހީދާ ޖެހުނީމަ ގާނޫނާއި ގަވައިދުތައްވެސް ކްރިމިނަލް ކޯޓުން އޮޅާލީތަ؟!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މައްޗަށް ތުހްމަތުކުރެވޭ ޖިންސީ ގޯނާއާ ގުޅޭ މައްސަލަތައް ކުރިމަތީގައި އޮއްވާ އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ ފުރުވާލީ ގަސްތުގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ) އަށް ވެސް ތުހްމަތު ކުރަމުންދާއިރު ޕީޖީ ހުސެއިން ޝަމީމް ވިދާޅުވަނީ އެއީ ކޯޓުން ކުރި ކަމެއް ކަމަށެވެ.

އަލީ ވަހީދުގެ މައްސަލާއިގައި ޕީޖީ އޮފީހުން ގެންދަނީ އެ އޮފީހަށް ކުރިމަތިވާ ހުރިހާ ތުހްމަތުތަކެއްގެ އަސްލު ސާފުކޮށްދެމުންނެވެ. އަލީ ވަހީދު "ފިލުމާއި" ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރުމުގައި ޕީޖީގެ އަތެއް ނެތްކަން ހާމަކުރަން ލައްކަ ވާހަކަ ދަނީ ދައްކަމުންނެވެ. މިހާތަނަށް ޕީޖީ އޮފީހުންނާއި ޕީޖީ ޝަމީމް ދެއްކެވި ވާހަކަތަކުން ދޭހަވަނީ އަލީ ވަހީދާ ޖެހުމުން ކޯޓުން ވަނީ ގާނޫނުތަކާއި އަމަލުކުރަމުން އައި އުސޫލުތަކާއި ގަވައިދުތައް އޮޅާލާފައި ކަމެވެ.

އަލީ ވަހީދު ފުރުވާލީވެސް ގޯސްކޮށް!

އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. އެކަން ނުކުރަން ދައުލަތުގެ ފަރާތުން ކޯޓުގައި އެދި، އެދި އޮއްވަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލިގޮތާމެދު ހުރި ގާނޫނީ މައްސަލަތައް ހިފައިގެން ޕީޖީ ވަނީ ހައިކޯޓާއި ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައި އެވެ. ނަމަވެސް އެ ދެ މަރުހަލާގައިވެސް މައްސަލަ ކުރިއަށްދާ ގޮތެއްނުވީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރުމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެހެން މީހުންނާ ތަފާތުކޮށް ކަމަށް ޕީޖީ ޝަމީމް ތުހްމަތުކުރައްވަ އެވެ. އަލީ ވަހީދާމެދު ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮތުން، ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަކީ ވަކި މީހަކަށް ލިބިދޭ ހައްގުތަކެއް ގޮތުގައި މާނަކުރުމުގެ ބަދަލުގައި އެއީ، އެންމެންނަށް އެއް ހަމައެއްގައި "ބެލެންސްކޮށް" ލިބިންޖެހޭ ހައްގުތަކެއް ކަމުގައި މާނަކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.

ޤައުމުންް ބޭރުގައި ހުރެ ޖިނާއީ މައްސަލައެއް ބޭއްވި ފުރަތަމަ ފަހަރު!

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ކުރިއަށްގެންދަން ކޯޓުން ނިންމުމާއެކު އަނެއްކާވެސް ޕީޖީގެ ކަންބޮޑުވުންތައް ވަނީ އޮއްސާލައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
  • ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ
  • ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ
  • ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ
  • ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް ނިންމައި އެ މައްސަލައިގެ އަޑުއެހުމެއް 21 ޖޫން 2021 ގައި ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައި އެވެ. އެ އަޑުއެހުމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ އެ ޝަރީއަތުގެ މަޖިލީހުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްގައި ހުރެގެން ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވަނީ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެންކަން އެނގުމުން ދައުލަތުން އެ ކަމަށް އިޢުތިރާޟުކުރި އެވެ.

މިއީ ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. ޕީޖީ ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫނެވެ. އެހެންވެ އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އެ ދުވަހު އިޢުތިރާޟުކުރި އެވެ.

ވިޑިއޯ ޝަރީއަތަށް ހުއްދަދިނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ލަފާގެ މަތިން!

އަލީ ވަހީދުގެ މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދާ ހަވާލާ ދެއްވާ ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި އަލީ ވަހީދު ހުންނަވަނިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމީ ޤާޟީ ޙަސަން ސަޢީދު އެވެ. އަދި އެގޮތައް ނިންމެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލުގެ ލަފާ ލަފާގެ މަތިޖން ކަމަށް ޙަސަން ސަޢީދާ ހަވާލާދީ ޕީޖީ އޮފީހުން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެ ނިންމުމަކީ ކްރިމިނަލް ކޯޓުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަން ހާމަވެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު --

އެ ނިންމުމަށް އިންކާރުކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ އެ ނިންމުމުން ނިންމުމަށް އިސްޤާޟީ އަޙްމަދު ޝަކީލަށް އިހްތިޔާރު ލިބިގެންނެއްނުވެ އެވެ. ސަބަބަކީ އެކަމަކީ ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމަކަށްވާތީ އާއި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތުމުންނެވެ. އެހެންވެ ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައި އެވެ.

ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތުދިނީ ޤާނޫނާއި ހިލާފަށް!

އަލީ ވަހީދުގެ އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، ދެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ ހުށަހެޅުމަށް ދިހަ ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ.

އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅަންހުރި ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. ނަމަވެސް 21 ޖޫން 2021 ދުވަހުގެ އަޑުއެހުމާ ހަމައަށްވެސް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވެއެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް ޢަލީ ވަޙީދުގެ ފަރާތުން ފަހުން އެދިފައިވެ އެވެ.

ކްރިމިނަލް ކޯޓު-- ފޮޓޯ:

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ޝަރީއަތުން ދީފައިވާ މުއްދަތު ފާއިތުވިތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން މި މަހުގެ 10 ވަނަ ދުވަހު އެ ހުށަހެޅުން ކޯޓަށް ފޮނުވާފައިވާކަމަށް އަލީ ގެ ވަކީލުން ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ނަމަވެސް، އަލީ ވަހީދު ހުށައެޅި ކަމަށްބުނާ ލިޔުންތައްވެސް ލިބިފައިނުވާކަމަށް ޤާޟީ ޙަސަން ސަޢީދު ޝަރީއަތުގައި ވިދާޅުވިއެވެ.  އެހެންވެ އަލުން އަލީ ވަހީދަށް އެ ހުށައެޅުންތައް ހުށައަޅަން ފަސް ދުވަހުގެ މުހްލަތެއް ކޯޓުން ދިނެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި އެވެ. އެ އޮފީހުން ހަވާލާދެނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޝަރީއަތް ކުރުމާ ބެހޭ ގަވައިދަށެވެ. ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޢަލީ ވަޙީދުއަށް ލިބިދިން މި ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މި ފުރުޞަތު އިތުރަށް ލިބި ނުދެވޭނެ ކަމަށް ޕީޖީ އޮފީހުން ދެކެވެ.

ސިޔާސީ ބައެއް ފަރާތްތަކާމެދު ކޯޓުން ވަކި ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ތުހްމަތުކުރާއިރު ޕީޖީ ވަނީ ކޯޓުން މި ފަހަރު އަމަލުކުރާ ގޮތް އާއްމު ހާލަތްތަކާއި ތަފާތު ކަމަށް ތުހްމަތުކުރައްވަމުންވެެ. ޕީޖީގެ ވާހަކަތަކުން ދޭހަވަނީ އަލީ ވަހީދާ ޖެހުމުން ކްރިމިނަލް ކޯޓުން ގާނޫނާއި ގަވައިދާއި އަދި އަމަލުކުރަމުން އަންނަ އުސޫލުތައްވެސް "އޮޅާލައިފައި"އޮތް ހެނެވެ.

1
0
0
0
0

1 ކޮމެންޓް

  1. ކޯޓުތަކުންނެތް ނޫން ގާނޫނާއި ގަވާއުދު އޮޅާލީ، އެކަން ކުރަނީ ފޮތްކިޔާ ފަތިސްޕީޕަލް

ކޮމެންޓް

Your email address will not be published. Required fields are marked *

0 %