އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް ޖިންސީ ގޯނާކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.
ރުގްޔާކުރުމަށް ކަމަށްބުނެ ރަހީނުކޮށްފައިވަނީ 30 އަހަރުގެ އަންހެނަކާއި އޭނާގެ ތިން ދަރިންނެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެށްގައި ހިނގި މި ހާދިސާގައި ހަތަރު މައިން ރަހީނުކޮށްގެން ތިން މަސްދުވަސް ގެންގުޅުނެވެ. މި މުއްދަތުގައި ހަތަރު މައިންނަށް ޖިސްމާނީ އަނިޔާކޮށްފައިވާއިރު، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށްވަނީ ޖިންސީ ގޯނާވެސް ކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން 2 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެއީ 39 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ދިވެއްސެކެވެ. 39 އަހަރުގެ މީހާ ހައްޔަރުކުރެވުނީ ބުދަ ދުވަހުގެ ރޭގައެވެ. 24 އަހަރުގެ މީހާ ހައްޔަރު ކުރެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 39 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށްވަނީ އަމަރުކޮށްފައެވެ. 24 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިވިޝަންއާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.