ރަހީނުކޮށް، މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލައިފައި އޮއްވާ ފެނުނު ކުއްޖޭގެ ޕޯސްޓްމޯޓަމް ހެދުމުގެ އިންތިޒާމްތަައް އަދިވެސް ހަމަނުޖެހޭކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ތަހުޤީޤަށް ޕޯސްޓްމޯޓަމް ރާއްޖޭގައި ހެދޭނެ އިންތިޒާމެއް ނުހުރެ އެވެ. އެހެންކަމުން ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެނަމަ ހަށިގަނޑު ޖެހެނީ އަވަށްޓެރި ޤައުމަކަށް ފޮނުވާލާށެވެ. އާންމުކޮށް ތަހުޤީޤްގެ ބޭނުމަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވަމީ އަވަށްޓެރި އިންޑިއާ އަށެވެ.
ޖަޒީރާ އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެެވެ. ފުރުވާލެވޭނެ ސީދާ ވަކި ތާރީޚެއް ދަންނަވަން އަދި ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ.
މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.