ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ފާދިއްޕޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އިއްޔެ ވަނީ ޅ. މާފިލާފުށްޓަށް ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމުގައި ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރަށް ޒިޔާރާތްކުރައްވައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މާފިލާފުށީގެ މުހިންމު ތަންތަނަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުފުޅުގައި، މާފިލާފުށިން ރައީސް ވަޑައިގެންނެވީ ޅ. ފެލިވަރަށެވެ. އެ ރަށަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، އެ ތަނުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ އެ ރަށުގައި އެ ވަގުތު ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.