ބޭސްފަރުވާއަށް އިނގެރޭސިިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގެރޭސިވިލާތުގައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ދިރިއުޅުއްވާކަމަށް ދިޔަރެސް ނޫހުން ފެތުރި ހަބަރު ހައިކޮމިޝަނަރު ފަރަހަނާޒް ފައިސަލް ދޮގުކުރައްވައިފި އެވެ.

ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުން އަލީ ވަހީދު އިނގެރޭސި ވިލާތުގައި ދިރިއުޅުއްވަމުންގެންދަވަނީ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަހީދުގެ ގެކޮޅުގައެވެ. އަދި އަދި ގިނަ ހަފްތާ ބަންދުތައް ލަންޑަނުގައި އުޅުއްވާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދަރިކަލުން ޔަމީން ޝާހިދުގެ އެޕާޓްމަންޓްގައިވެސް ހޭދަކުރައްވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހައި ކޮމިޝަނަރު ފަރަހަނާޒް އާއި އަލީ ވަހީދުގެ ފޮޓޯއަކާއެކު ޝާއިރުކޮށްފައިވާ ހަބަރުގެ މައުލޫމާތު ދޮގުކުރައްވައި ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަބަރުގައިވާ ވާހަކަތަކަކީ 100 އިންސައްތަ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ހަބަރުގައި ޑެޕިއުޓީ ހައި ކޮމިޝަނަރާއި ގުޅޭގޮތުންނާއި، ހައި ކޮމިޝަންގެ މުވައްޒިފުންނާއި ގުޅޭގޮތުން ވަނީ ކަނޑައެޅިގެން އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ދިން މުއްދަތު ފަހަނައަޅައިދިޔައިިރުވެސް ޤައުމަށް އެނބުރި ވަޑައިނުގަތް އިނގެރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު އެދިވަޑައިގެންނެވީ ބޭސްފަރުވާއަށް އިތުރު މުއްދަތު ދެއްވުމަށެވެ. އަދި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށެވެ. ބައެއް ސިއްހީ ލިޔެކިޔުންތައްވެސް ކޯޓަށް ހުށަހެޅުއްވުމުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އޮންލައިންކޮށް، ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށެވެ.

އެގޮތުގެމަތިން ކުރީގެ މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަލީ ވަހީދު ބައިވެރިވެވަޑައިގެންފައިވަނީ އިނގެރޭސިވިލާތުގައި ހުންނަވައިގެން، އޮންލައިންކޮށް ދިވެހި އެންބަސީ މެދުވެރިކޮށެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.