ކްރިމިނަލް ކޯޓަށް އަދި ޖުވެނައިލް ކޯޓަށް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމަވާފައިވާ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ މިއަދު ކޮށްފިއެވެ.

ޖުވެނައިލް ކޯޓަށް އައްޔަނުކުރުމަށް އެ ކޮމިޝަނުން ނިންމަވާފައިވަނީ ހދ. ކުޅުދުއްފުށީ، ޓޯޓަލްގެ، އަލްއުސްތާޛާ މަރްޔަމް ޠާއިފާއެވެ. ކްރިމިނަލް ކޯޓަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމެވީ، ގދ. މަޑަވެލި ރީގަލް އަލްއުސްތާޛު ޞަފްޢަތު ހަބީބުއެވެ. މި ބޭފުޅުން ހުވާ ކުރެއްވުމާއި ފަތްކޮޅު އެރުވުން އޮތީ ޖޭއެސްސީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފެވެ.

ޖުވެނައިލްކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވި އަލްއުސްތާޛާ މަރްޔަމް ޠާއިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ހާޞިލް ކުރައްވާފައެވެ. ފަނޑިޔާރުކަމުގެ ހުވާކުރެއްވުމުގެ ކުރިން އެކަމަނާވަނީ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު އަދާކުރައްވާފައެވެ.

އެކަމަނާ ވަނީ ޤާނޫނީ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޖުވެނައިލް ކޯޓަށް އައްޔަނު ކުރެވުނު އަންހެން ފަނޑިޔާރެވެ.

ކްރިމިނަލް ކޯޓަށް އައްޔަންކުރެވުނު ލްއުސްތާޛު ޞަފްޢަތު ޙަބީބުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. ފަނޑިޔާރު ޞަފްޢަތު ހަބީބުވެސް ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 8 އަހަރު ވަނީ ވެފައެވެ. ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލީގަލް އޮފިސަރ އެއްގެ މަޤާމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.