މި ސަރަހައްދުގެ ގައުމްތަކުގެ ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ޑިފެންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހަތަރުވަނަ "އެން.އެސް.އޭ ލެވެލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައއިމް ސެކިއުރިޓީ ކޯޕަރޭޝަން"ގެ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި މަހުގެ 27 އިން 28ގެ ނިޔަލަށް، ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.
6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި މުހިންމު ގިނަ ކަންތައްތަކަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ. މި ބައްދަލުވުމުގައި އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް، މޮރިޝަސް، އަދި ސީޝެލްސް އިން ބައިވެރިވެވާނެއެވެ.
މިނިސްޓަރ އޮފް ޑިފެންސް މާރިޔާގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑިއާ ކަނޑުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ފެންވަރުން އެހީވާނެކަމަށް މި ސަރުކާރުންވަނީ ކުރިން ބުނެފައެވެ.