މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ ސެކްރެޓަރީ ޖެނެރަލާއި ޙިއްސާކުރައްވާފައެވެ.
މީގެއިތުރުން، ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށާއި، އަދި އެމިސްކިތް ވެގެންދާނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ޤާއިމްކުރުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. ހަމައެހެންމެ، އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިނިސްޓަރ ޝާހިދު ރިޔާޟްގައި ޓްރާންސިޓް ކުރައްވާފައި މިވަނީ އޯއައިސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ނިޖަރ އަށް ވަޑައިގަތުމުގެ މަގުމަތީގައެވެ. އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް ބައްދަލުވުން މާދަމާ ފެށޭނެއެވެ.