ދިވެހި މަސްވެރިންނަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ޅ. ފެލިވަރުގައި ގާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސް ދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސޯލިހު ވަނީ މި ބައްދަލުކުރެއްވުމުގައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މި ގޮތުން، މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ރައީސް އާ ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. 

ފެލިވަރަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އަދި، މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން، އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ބޭނުންވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.