ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މަރކެލް ދެވައްތަރުގެ ކޮވިޑް ވެކްސިން އާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރައްވައިފިއެވެ.
އުމުރުން 66 އަހަރުގެ ޖަރުމަނުވިލާތުގެ ޗާންސެލަރ ފުރަތަމަ ޖައްސަވާފައިވަނީ އެސްޓްރާޒެނެކާގެ ވެކްސިނެވެ. އެހެން ނަމަވެސް ދެވަނަ ޑޯޒަކަށް އެކަމަނާ ޖައްސަވާފައިވަނީ މޮޑާނާ ވެކްސިންއެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކުގައި އެތައް މިލިއަން އެސްޓްރާޒެނެކާ ވެކްސިން ޖަހާފައި ވީކަމުގައިވިޔަސް އެސްޓްރާޒެނެކާ ވެކްސިނާއި ގުޅިގެން ވެކްސިން ޖަހާ މީހުންގެ އާބާދީގެ ތެރެއިން ވަރަށް މަދު ބައެއްގެ ތެރޭގައި އާދަޔާ ހިލާފަށް ލޭ ގަނޑުވުމުގެ މައްސަލަ ފެންމަތިވުމުގެ ސަބަބުން ގިނަބަޔަކު އަންނަނީ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ޖެހިލުންވަމުންނެވެ. ވަކިން ހާއްސަކޮށް ދާއިމީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި 60 އަހަރުން މަތީގެ މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ޖެހުން މެދުކަނޑާލައި މާރިޗް މަހުން ފެށިގެން އެސްޓްރާޒެނެކާ ވެކްސިން ޖެހުން ހުއްޓާލާފައިވީ ނަމަވެސް މިހާރު އަނެއްކާ ގިނަ ގައުމު ތަކުގައި ވަނީ އެސްޓްރާޒެނެކާ ވެކްސިން ޖަހަން ފަށާފައެވެ.
އެގޮތުން ޖަރުމަންވިލާތާއި އަދި އެހެން ގިނަ ގައުމުތަކުން އެސްޓަރާޒެނެކާ ވެކްސިން ޖަހަން ފަށާފައިވާއިރު އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު އެހެން ވެކްސިންއަކުން ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ގިނަ ގައުމުތަކުން އަންނަނީ ހުޅުވާލަމުންނެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު، 2 ކުންފުންޏެއްގެ ވެކްސިން އިން ދެ ޑޯޒް ހަމަކުރުމުން މައްސަލައެއް ނުޖެހޭނެ ކަމަށް ކެނެޑާގެ ޕަބްލިކް ހެލްތު އޭޖެންސީ އިން ވަނީ ބުނެފައެވެ.
ކެނެޑާގެ ޕަބްލިކް ހެލްތު އެމަޖެންސީގެ ޗީފް ޕަބްލިލް ހެލްތު އޮފިސަރ ޑޮކްޓަރ ތެރީސާ ޓޭމް ވަނީ، ކެނެޑާގައި އެސްޓަރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ފައިޒާ ނުވަތަ މޮޑާނާ ވެކްސިން އިން ދެވަނަ ޑޯޒް ހަމަކުރުމަށް ޖަހަން ފަށާނެކަމަށް މިމަހުގެ ކުރީކޮޅު ބުނެފައެވެ.
އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް މޮޑާނާ ނުވަތަ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ. ފައިޒާ ނުވަތަ މޮޑާނާ ޖަހާފައިވާ މީހަކަށް މި ދެ ވެކްސިނުން ކުރެ ވެކްސިނަކުން ދެވަނަ ޑޯޒް ފުރިހަމަކުރެވޭނެ.
ދެ ކުންފުންނޭއްގެ ވެކްސިނުން ދެ ޑޯޒް ހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިވިޔަސް އެންމެ ރަނގަޅީ އަދިވެސް އެއް ކުންފުންޏެއްގެ ވެކްސިނުން ދެ ޑޯޒް ހަމަކުރުމުގެ ފުރުސަތު ލިބޭނަމަ އެއް ކުންފުންނެއްގެ ވެކްސިން ޖެހުންކަމަށް ގިނަ ސިއްހީ މާހިރުން ވިދާޅުވެއެވެ.